ރ. އަތޮޅުގެ ރިސޯޓަކަށް މާލެއިން ފުރައިގެން ދަތުރުކުރަމުންދިޔަ “ސީލައިން-3” ކިޔާ ސަޕްލައި ދޯންޏެއް ބަރުދަންއިތުރުވެ، އަރިއަޅާލައިގެން ދިޔަވަމުންދާތީ، އޭގައި ހުރި ބައެއް މުދާތައް ކަނޑަށް އުކާލަން މަޖުބޫރުވެއްޖެ އެވެ.
މި ހާދިސާ ހިނގަން މެދުވެރިވީ ދޯންޏަށް ބަރުކޮށްފައި ހުރި ލަކުޑިތައް ހިފެހެއްޓުމަށް އަޅާފައިވާ ބެލްޓެއް ކަނޑައިގެންގޮސް، ލަކުޑިތައް އެއް ފަރާތަކަށް ޖެހުމުގެ ސަބަބުން ދޯނި އަރިއަޅާލައިގެން ކަމަށް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.
ހެނދުނު 10 ޖާއިރު މި ހާދިސާގެ ރިޕޯޓު ލިބުމާއެކު، ބ. އޭދަފުށީ ޕޮލިސް ސްޓޭޝަނުގެ ލޯންޗެއް ވަގުތުން އެ ސަރަހައްދަށް ގޮސް އުޅަނދަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށާއި، މިހާރު ވެސް ދޯނީގެ ދިޔަ ހިއްކުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
ހަތަރު މީހުންގެ ޓީމަކާއެކު ދަތުރުކުރި މި ދޯނީގައި ތިބީ ތިން ދިވެހިންނާއި ބިދޭސީއެކެވެ. މޫސުން މުޅި ރާއްޖެއަށް ވެސް މި ދުވަސްވަރު ވަރަށް ބޮޑަށް ގޯސްވެފައިވާތީ، ކަނޑުދަތުރުކުރާ ފަރާތްތަކުން ޚާއްސަ ސަމާލުކަމެއް ދިނުމަށް ކަމާބެހޭ ފަރާތްތަކުން އިރުޝާދުދެ އެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...