އިންޑިއާގެ ހުޅަނގު ބެންގޯލްގައި މިހާރު ގެރިމަސް ގެންގުޅުމަކީ މަސްތުވާތަކެތި ގެންގުޅުމަށްވުރެވެސް ނުރައްކާތެރި ކަމަކަށް ވެއްޖެއެވެ. މިފަދަ ބިރުވެރި ހާލަތަކަށް އެ ސްޓޭޓް ވެއްޓުނީ، ދާދި ފަހުން ބޭއްވި ސްޓޭޓް އިންތިޚާބު ކާމިޔާބުކޮށް ނަރެންދުރަ މޯދީގެ ބާރަތިޔާ ޖަނަތަ ޕާޓީ (ބީޖޭޕީ) އިން ވެރިކަމަށް އައުމާ ގުޅިގެންނެވެ.
ADS BY: STO
މަމަތާ ބެނާޖީގެ ޓްރިނަމޫލް ކޮންގްރެސްގެ 15 އަހަރުވީ ވެރިކަން ނިމުމަކަށް ގެނެސް، މެއި 9 ވަނަ ދުވަހު ބީޖޭޕީއިން އިންތިޚާބު ކާމިޔާބުކުރިތާ ހަތަރު ދުވަސް ފަހުން ސްޓޭޓް ސަރުކާރުން ވަނީ ގެރި ކަތިލުމާ ގުޅޭ އާ އުސޫލުތަކެއް ނެރެފައެވެ. 1950 ވަނަ އަހަރުގެ ވެސްޓް ބެންގޯލް އެނިމަލް ސްލޯޓަރ ކޮންޓްރޯލް އެކްޓަށް ހަރުކަށިކޮށް އަމަލުކުރަން ފަށައި، ގެރި ކަތިލެވޭނީ އެކަމަށް ޚާއްސަ ސެޓްފިކެޓެއް ލިބިގެން ކަމަށް ވަނީ ކަނޑައަޅާފައެވެ. މި ސެޓްފިކެޓް ދޫކުރަނީ އުމުރުން 14 އަހަރު ވެފައިވާ، މަސައްކަތް ނުކުރެވޭ ނުވަތަ ބަލިވެފައިވާ ގެރިއަށް އެކަންޏެވެ. އަދި ކަތިލުން ހުއްދަކުރަނީ ހަމައެކަނި ކަނޑައެޅިފައިވާ ޚާއްސަ ތަންތަނުގައެވެ.
މި އުސޫލުތައް ތަންފީޒުކުރަން ފެށީ މެއި މަހުގެ އީދާ ދިމާކޮށެވެ. އޭގެ ސަބަބުން ގެރިމަހުގެ ސަޕްލައި މަދުވެ، ފާއިތުވި ތިން މަސް ތެރޭ މި މައްސަލައަށް ހައްލެއް އައިސްފައެއް ނުވެއެވެ. ކަލްކަތާގައި ހުންނަ ހަމައެކަނި ގެރި ކަތިލާ ތަން ކަމަށްވާ ޓަންގްރާ ސްލޯޓަރހައުސް ވަނީ މިދިޔަ މެއި މަހުން ފެށިގެން ބަންދުކޮށްފައެވެ.
ގެރިމަހުގެ ވިޔަފާރިކުރާ މީހުންނަށް ލައިސަންސް އާކުރުމުގައިވެސް ވަނީ ބޮޑެތި ހުރަސްތަކަކާ ކުރިމަތިވެފައެވެ. ކަލްކަތާގެ މޭޔަރު ފިރްހާދު ހަކީމް އިސްތިއުފާ ދިނުމާ ގުޅިގެން ޖޫން މަހު ސިޓީގެ މުނިސިޕަލް ކޯޕަރޭޝަން އުވާލުމާއެކު، ލައިސަންސް އާކޮށްދިނުން ވަނީ ހުއްޓިފައެވެ. ކަލްކަތާ މުނިސިޕަލް ކޯޕަރޭޝަން (ކޭއެމްސީ) އާއި އެނިމަލް ރިސޯސަސް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓް (އޭއާރްޑީޑީ) އިން ދަނީ ލައިސަންސް ދޫކުރުމާއި ސްލޯޓަރހައުސް ހުޅުވުމުގެ ޒިންމާ އެއްބަޔަކު އަނެއް ބައެއްގެ ބޮލުގައި އަޅުވަމުންނެވެ. ކުރިއަށް އޮތް ސިވިކް އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު މަހުގައެވެ.
ހަ ޖީލު ވަންދެން ގެރިމަހުގެ ވިޔަފާރިކުރަމުން އައި މުޝްތާޤު ފަދަ ވިޔަފާރިވެރިން ބުނާ ގޮތުގައި ފާއިތުވި ތިން މަސްދުވަހު އެމީހުންނަށް އެއްވެސް އާމްދަނީއެއް ލިބިފައެއް ނުވެއެވެ. ސަޕްލައި މަދުވުމާއެކު އަގުތައް ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. ކުރިން 100 ރުޕީސްއަށް ލިބުނު ބޫނާ ތަށްޓެއްގެ އަގު 120 ރުޕީސްއަށް އަރާފައިވާއިރު، 200 އާއި 250 ރުޕީސްއާ ދެމެދުގައި ލިބުނު އެއް ކިލޯގެ ގެރިމަސް މިހާރު ވިއްކަނީ 350 އާއި 500 ރުޕީސްއާ ދެމެދުގެ އަގުތަކުގައެވެ.
މަގުމަތީގައި ކާތަކެތި ވިއްކާ ތަނެއް ހިންގާ މަޙްމޫދު އާލަމް ބުނި ގޮތުގައި އޭނާގެ ވިޔަފާރި ވަނީ 50 އިންސައްތަ ދަށަށް ގޮސްފައެވެ. ޕާކް ސާކަސް ފަދަ މުސްލިމުން ގިނަ ސަރަހައްދުތަކުގައި ގެރިމަސް ވިއްކާ ފިހާރަތަކަށް ވަނީ 30-40 އިންސައްތައިގެ ގެއްލުންވެފައެވެ. ކަލްކަތާގެ މަޝްހޫރު ޒަމް ޒަމް ރެސްޓޯރެންޓާއި އޮލީޕަބް ފަދަ ތަންތަނުން ވަނީ އެމީހުންގެ މެނޫތަކުން ގެރިމަހުގެ ބާވަތްތައް އުނިކޮށްފައެވެ. ޒަމް ޒަމް އިން ވަނީ ގެއްލުންވުމުގެ ސަބަބުން މުވައްޒަފުންވެސް މަދުކޮށްފައެވެ.
ވިޔަފާރި ދަށްވުމުގެ މައިގަނޑު ސަބަބަކީ ބީޖޭޕީ ސަރުކާރު އޮތުމުން އާންމު ތަންތަނުގައި ގެރިމަސް ކެއުމަށް މީހުން ބިރުގަތުމެވެ. އާލަމްގެ އަމިއްލަ ގޭގައިވެސް ކުރިން ހަފްތާއަކު ފަސް ހަ ފަހަރު ގެރިމަސް ކެއި ނަމަވެސް މިހާރު ކަނީ ހަފްތާއަކު އެއްފަހަރުއެވެ. ހުޅަނގު ބެންގޯލަކީ އިންޑިއާގައި އެންމެ ގިނައިން ގެރިމަސް ކާ އެއް ސްޓޭޓެވެ. ތަފާސްހިސާބުތައް ދައްކާގޮތުން އެ ސްޓޭޓްގެ މުސްލިމުންގެ ތިންބައިކުޅަ ދެބައި މީހުންނާއި، ގިނަ އަދަދެއްގެ ކްރިސްޓިއަނުންނާއި، ދަލިތުން އަދި އަދިވާސީން ގެރިމަސް ކައިއުޅެއެވެ.
މި ދަތިތަކާ ހުރެ ބައެއް ވިޔަފާރިވެރިން ދަނީ އެހެން މަސައްކަތްތަކަށް ބަދަލުވަމުންނެވެ. ބުރުދުވާން ޑިސްޓްރިކްޓްގައި ޑެއިރީ ވިޔަފާރިކުރި އަލްފާޒް ލާއިޤް ވަނީ އޭނާގެ ވިޔަފާރި ހުއްޓާލައި، ގެރިތައް އަގުހެޔޮކޮށް ވިއްކާލާފައެވެ. ލާއިޤް ސިފަކުރި ގޮތުގައި ބެންގޯލްގައި މިހާރު ގެރިމަސް ގެންގުޅުމަކީ މަސްތުވާތަކެތި ގެންގުޅުމަށްވުރެ ވެސް ނުރައްކާތެރި ކަމެކެވެ.
މީގެ ކުރިން ބީޖޭޕީން ވަނީ ރާޖަސްތާން، މަދްޔަ ޕްރަދޭޝް، އުއްތަރާކަންޑް، ގުޖަރާތު އަދި މަހާރާޝްޓްރާ ފަދަ ސްޓޭޓްތަކުގައިވެސް ގެރިމަސް މަނާކޮށްފައެވެ. މިކަމާ ގުޅިގެން ގެރި ހިމާޔަތްކުރާ ކަމަށް ބުނާ ހަރުކަށި ފަރާތްތަކުން ވަނީ މުސްލިމުންނާއި ދަލިތުންނަށް ހަމަލާދީ އެތައްބަޔަކު މަރާލާފައެވެ. ނަމަވެސް ފުލުހުން ގިނަ ފަހަރަށް ދައުވާކުރަނީ ހަމަލާގެ ޝިކާރައަކަށްވާ މީހުންގެ މައްޗަށެވެ.
ކަލްކަތާއިން ބޭރުގައިވެސް މި މައްސަލަ ވަރަށް ބޮޑެވެ. ބަރޫއިޕޫރުގައި ހެނދުނު 11 ޖަހާއިރު ގެރިމަސް ހުސްވާއިރު، އާންމުންގެ ޚަރަދުތައް ވަނީ 20 އިންސައްތަ އިތުރުވެފައެވެ. މުސްލިމުން ގިނަ މާލްޑާ ޑިސްޓްރިކްޓްގައި ގެރިމަސް މިހާރު ވިއްކަނީ ސިއްރު ނެޓްވޯކްތައް މެދުވެރިކޮށެވެ. ރޭގަނޑުގެ ވަގުތުތަކުގައި ސިއްރުން ގެރި ކަތިލައިގެން ގެތަކަށް މަސް ފޯރުކޮށްދޭއިރު، ފަގީރު މުސްލިމުން ގެރިމަސް ކެއުމަށްޓަކައި ދަނީ އެމީހުންގެ ފުރާނަވެސް ނުރައްކަލުގެ ތެރެއަށް ހުށަހަޅަމުންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...