މުސްލިމުންގެ އެންމެ މުޤައްދަސް ބިމަށް އަމާޒުކޮށް ޙޫޘީން ދޭން އުޅުނު ޑްރޯން ހަމަލާ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފިއެވެ.
ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މާތްވެގެންވާ މައްކާގެ އަމާންކަން ނަގާލަން ކުރާ އެއްވެސް ކަމެއް ބަލައިނުގަނެވޭނެ ކަމަށާއި، މިއީ މުޅި އިސްލާމީ އުންމަތަށް ވެސް ލިބުނު ފުން ހިތާމައެއް ކަމަށެވެ. އަދި ދިވެހިރާއްޖެ އަބަދުވެސް އޮންނާނީ ސަޢޫދީ ޢަރަބިއްޔާއާ އެކު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން، ޢުމްރާވެރިންނާއި މައްކާގެ ރައްޔިތުންގެ ސަލާމަތަށް ސަޢޫދީގެ ދިފާޢީ ބާރުތަކުން އެޅި ހަލުވި ފިޔަވަޅުތަކަށް ރައީސް ތަޢުރީފުކުރެއްވިއެވެ. އަދި މިފަދަ ހަމަލާތައް ވަގުތުން ހުއްޓާލައި، ސުލްޙަވެރި މަގު އިޚްތިޔާރުކުރުމަށް ވެސް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.
ސަޢޫދީ އަސްކަރިއްޔާއިން ހާމަކުރި ގޮތުގައި، އަންގާރަ ދުވަހުގެ ހަވީރު ޙޫޘީން ފޮނުވާލި ޑްރޯން ވަނީ މަނާ ވައިގެ ސަރަޙައްދަށް ވަނުމުގެ ކުރިން ވައްޓާލާފައެވެ. ސަޢޫދީ ކޯލިޝަނުން ވަނީ ދެ ޙަރަމްފުޅުގެ ރައްކާތެރިކަމަކީ “ރަތް ރޮނގެއް” ކަމަށް ބުނެ މި ހަމަލާ ހަރުކަށިކޮށް ކުށްވެރިކޮށްފައެވެ. ނަމަވެސް، ޙޫޘީން މީގެ ކުރިން ބުނެފައިވަނީ މާތް ބިންތަކަށް އެ ޖަމާޢަތުން ހަމަލާ ނުދޭ ކަމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...