މީގެ ކުރިން ނުފެންނަ ވައްތަރެއްގެ ބުޅާތަކެއް ބޮލީވިއާގެ ޖަންގަލިން ފެނިފައިވާއިރު، މިއީ މީގެ ގަރުނަކަށްވުރެ ގިނަ ދުވަހުގެ ތެރޭގައި ސައިންސްވެރިން ރަސްމީކޮށް ކަނޑައަޅާފައިވާ އާ ދިރޭ ބުޅާ ސްޕީޝީއެކެވެ.
ލޯކަލް މުޖުތަމައުތަކުން “ޓިލްކަޔޯ” ގެ ނަމުން ކިޔާ މި ބުޅަލަކީ ދެކުނު އެމެރިކާގެ އެކި ސަރަޙައްދުތަކުން ފެންނަ ޓައިގަރ ކެޓްސްގެ ގުރޫޕަށް ނިސްބަތްވާ އެއްޗެކެވެ. މިއީ ފަރުބަދަމަތީގެ ވިލާތަކުން ނިވާވެފައިވާ އަދި ތެތްކަން ބޮޑު ބޮލީވިއާގެ ޔަންގަސް ޖަންގަލީގައި އުޅޭ އެއްޗެކެވެ. މީގެ ދިގުމިނުގައި ގާތްގަނޑަކަށް 46 ސެންޓިމީޓަރު ހުންނައިރު، ބަރުދަނުގައި ހުންނަނީ ގާތްގަނޑަކަށް 1.4 ކިލޯއެވެ. މިއީ އާންމު ގޭތެރޭގައި ގެންގުޅޭ ބުޅަލަށްވުރެ ކުޑަ އެއްޗެކެވެ.
މިއީ އާ ސްޕީޝީއެއްކަން ޔަގީންކުރުމަށްޓަކައި ދިރާސާކުރާ ފަރާތްތަކުން ވަނީ ޖެނެޓިކް ޑޭޓާ ބޭނުންކޮށްފައެވެ. އަދި ލޯކަލް ނަން ދަމަހައްޓަމުން މި ބުޅަލަށް ސައިންޓިފިކް ނަމެއްގެ ގޮތުގައި ލެޕޯޑަސް ޓިލްކަޔޯ (Leopardus tilcayo) ކިޔާފައިވެއެވެ. ނޭޝަނަލް ސެގްރަފިކް ޕްލޯރަރެއް އަދި ‘ކަރަންޓް ބަޔޮލޮޖީ’ ޖާނަލްގައި ޝާއިޢުކުރި މި ދިރާސާގެ އެއް ލިޔުންތެރިޔާ ކަމަށްވާ ޕའޯލާ ނޮގާލޭސް-އަސްކަރޫންޒް ވިދާޅުވިގޮތުގައި، މި ބުޅަލުގެ ކުލައަކީ ލުއި މުށި ކުލައެކެވެ. އަދި މުޅި ހަށިގަނޑުގައި ގަވާއިދަކާ ނުލައި ހުންނަ ރޮޒެޓް ޑިޒައިންތަކެއް ހުރެއެވެ.
މި ބުޅަލުގެ ބަޔޮލޮޖީއާއި ދިރިއުޅުމުގެ ވައްޓަފާޅިއާ ބެހޭގޮތުން އަދި މާ ބޮޑު އެއްޗެއް ނޭނގެއެވެ. ކާނާގެ ބާވަތްތަކުގެ ތެރޭގައި ކުދިކުދި މީދާފަދަ ތަކެތި ހިމެނޭކަން އެ އެއްޗެހީގެ ބަސްތަކުން ފެނުނު ނިޝާންތަކުން ދައްކާއިރު، ކެމެރާ ޓްރެޕްތަކުން ދައްކާގޮތުން މިއީ ރޭގަނޑުގެ ވަގުތުތަކުގައި އިތުރަށް ހަރަކާތްތެރިވާ އެއްޗެއް ކަމަށް ވެދާނེއެވެ.
ބެލްޖިއަމްގެ އެންޓްވެޕް ޔުނިވަރސިޓީގެ އިވޮލިއުޝަނަރީ ބަޔޮލޮޖިސްޓް އަދި މި ދިރާސާގެ އިސް އެއް ލިޔުންތެރިޔާ ޖޯނަސް ލެސްކްރޮއާޓް ވިދާޅުވި ގޮތުގައި، ޓައިގަރ ކެޓްސްއަކީ ބޭރުފުށުން ފެންނަ ސިފަތަކަށް ބަލައިގެން ވަކިކުރަން ފަސޭހަނޫން ސްޕީޝީތަކެކެވެ. މީގެ ކުރިން ޓައިގަރ ކެޓްސްއަކީ އެއް ސްޕީޝީއެއްގެ ގޮތުގައި ބެލެވުނު ނަމަވެސް، މީގެ އެތައް އަހަރެއް ކުރިން ކުރެވުނު ޖެނެޓިކް ދިރާސާތަކުން އެކި ސްޕީޝީތައް ހިމެނޭކަމަށް ލަފާކުރެވުނެވެ. އަދި އާ ސްޕީޝީއާ ބެހޭގޮތުން ވާހަކަދައްކަވަމުން ލެސްކްރޮއާޓް ވިދާޅުވީ މިވަގުތު މައުލޫމާތު ލިބިފައިވަނީ ދިރިހުރި ދެ ބުޅަލާއި ކެމެރާ ޓްރެޕްގެ މަދު ރެކޯޑުތަކަކުން އެކަނި ކަމަށެވެ.
ދިރިހުރި މިފަދަ ބުޅާތަކުގެ ތެރެއިން އެކެއް، ގެއެއްގައި ގެންގުޅުމަށްފަހު މިހާރު ދިރިއުޅެނީ ސެންޑާ ވެޑޭ ވައިލްޑްލައިފް ސެންޗުއަރީގައެވެ. އެއީ އުމުރުން 10 އަހަރުގެ ފިރިހެން ބުޅެކެވެ. ބޮލީވިއާގައި އުޅޭ ޓައިގަރ ކެޓްގެ އަސްލު ދެނެގަތުމަށްޓަކައި ދިރާސާ ޓީމުން ވަނީ ދެކުނު އެމެރިކާގެ އެކި ޤައުމުތަކުން ނަގާފައިވާ 38 ބުޅަލެއްގެ ޑީއެންއޭ އެނަލައިޒްކޮށްފައެވެ. އޭގެ ތެރޭގައި މިއުޒިއަމްތަކުގައި ހުރި 8 ނﻤޫނާ ވެސް ހިމެނެއެވެ. މި ދިރާސާއިން ދެއްކި ގޮތުގައި ޓައިގަރ ކެޓްސްއަކީ ހަޤީޤަތުގައި ޖެނެޓިކްގޮތުން ތަފާތު 5 ސްޕީޝީއެވެ.
ޓިލްކަޔޯ ލައިނޭޖް އެހެން ޓައިގަރ ކެޓްސްއާ ވަކިވެފައިވަނީ މީގެ ގާތްގަނޑަކަށް 1.4 މިލިއަން އަހަރު ކުރިން ކަމަށް ޖެނެޓިކް އެނަލިސިސްއިން ދައްކައެވެ. މީގެ އިތުރުން، އިންކާ ސާރާޣަޖުގެ ޒަމާނުގެ ސަރަޙައްދެއްގެ ނަމުން ނަންދީގެން، ޕެރޫގެ ޔަންގަސް އިން ވެސް ޓައިގަރ ކެޓްގެ އާ ސަބްސްޕީޝީއެއް ކަމަށްވާ ލެޕޯޑަސް ޓިގްރިނަސް އެންޓިސުޔޯ ވަނީ ހޯދާފައެވެ.
އިންޓަނޭޝަނަލް ނިއަން ފޯ ކޮންޒަރވޭޝަން އޮފް ނޭޗަރ (IUCN) އިން މިހާރު ޓައިގަރ ކެޓްސް ބަލަހައްޓަމުންދަނީ ނުރައްކަލަށް ހުށަހެޅިފައިވާ އަދި އާބާދީ ދަށްވަމުންދާ ދެ ސްޕީޝީއެއްގެ ގޮތުގައެވެ. ދިރާސާކުރި ފަރާތްތަކުން ވަނީ އެމީހުންގެ ހޯދުންތައް IUCN އާ ހިއްސާކޮށްފައެވެ. ކުރިއަށް އޮތް ރިވިއުއެއްގައި މި 5 ލައިނޭޖް ވަކިވަކިން ބަލާނެއެވެ. އޭގެ ސަބަބުން ނުރައްކަލުގެ ހާލަތު އިތުރަށް ސާފުވެ، ޓިލްކަޔޯ ފަދަ ސްޕީޝީތައް ވަކިން ބަލާއިރު ނުރައްކަލުގެ ތެރޭގައިވާ ސްޕީޝީއެއްގެ ގޮތުގައި ކަނޑައެޅުމުގެ ފުރުސަތު އެބައޮތެވެ.
ޚާއްޞަކޮށް ޔަންގަސް ޖަންގައްޔަކީ އިންސާނީ ހަރަކާތްތަކުގެ ސަބަބުން ނުރައްކަލާ ކުރިމަތިވެފައިވާ، އެ ސަރަޙައްދުގެ އެންމެ ނާޒުކު އެއް އިކޯސިޓަމް ކަމަށްވުމުން މިފަދަ ދިރާސާތަކުގެ ބޭނުން ބޮޑެވެ. ބްރެޒިލްގެ ޕޮންޓިފިކަލް ކެތޮލިކް ޔުނިވަރސިޓީގެ އިވޮލިއުޝަނަރީ ބަޔޮލޮޖިސްޓް އަދި މި ދިރާސާގެ ސީނިއަރ ލިޔުންތެރިޔާ އެޑްވާޑޯ އެންޒިރިކް ވިދާޅުވިގޮތުގައި، ބުޅާފަދަ މަޝްހޫރު ޖަނަވާރުތަކުގެ ތެރޭގައިވެސް އަދިވެސް ހޯދަންޖެހޭ އާ ސްޕީޝީތައް އެބەހުރިކަން އާންމުންނަށް ދެއްކުމަކީ މުހިންމު މެސެޖެކެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...