މޫސުން އިތުރަށް ގޯސްވެ، ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި ކަނޑުގަދަވާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން އިންޒާރުކޮށްފިއެވެ.
ރާއްޖޭގެ މޫސުން ކުރިއަށް އޮތް ފަސް ދުވަހަށް އާދަޔާ ހިލާފަށް ގޯސްވާނެ ކަމަށް ލަފާކުރެވޭއިރު، ހާއްސަކޮށް ދެކުނުގެ އަތޮޅުތަކަށް މި ވިއްސާރައިގެ އަސަރު ބޮޑުވާނެ ކަމަށް މެޓް އޮފީހުން ބުނެއެވެ. ފާއިތުވި 24 ގަޑިއިރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެންމެ ގިނައިން ވާރޭވެހިފައިވަނީ ގދ. އަތޮޅަށެވެ. އެގޮތުން އެ އަތޮޅު ފަރެސްމާތޮޑާއަށް 104.4 މިލިމީޓަރުގެ ވާރޭ ވެހިފައިވާކަން ވަނީ ރެކޯޑުކުރެވިފައެވެ.
މި ދުވަސްވަރު ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރެއަށް ވައިޖެހޭނީ ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނެއްގައެވެ. ނަމަވެސް ދެކުނުގެ ސަރަހައްދުތަކަށް ވައިގަދަވެ، ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކޮށްފައިވެއެވެ. އަދި ވިއްސާރަ ވިލާގަނޑުގައި ރާއްޖޭގެ ކޮންމެ ހިސާބެއްގައިވެސް ވައި ގަޑިއަކު 40 މޭލަށް ގަދަވެދާނެ ކަމަށް ލަފާކުރެވޭތީ ކަނޑުދަތުރުކުރާ ފަރާތްތަކުން ހާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
މި މޫސުންބަދަލުވުމުގެ ސަބަބުން، މިއަދު ހެނދުނު ވަނީ ހއ. އަތޮޅުން ފެށިގެން އދ. އަތޮޅާ ހަމައަށް ރީނދޫ ސަމާލު ނެރެފައެވެ. ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ވިލާގަނޑުގައި ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ އާންމުކޮށް ހުރިހާ އެންމެންވެސް މޫސުމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ ފަރާތްތަކުން އެދިފައިވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...