މުޖުތަމަޢުގެ ބަދަހިކަމާއި އަމާންކަން ގުޅިފައިވަނީ ޢާއިލާތަކުގެ އެކުވެރިކަމާ ކަމަށްވާއިރު، ގާތްތިމާގެކަމުގެ ގުޅުން ކެނޑިގެންދިޔުމަކީ މުޅި މުޖުތަމަޢު ފަސާދަވެގެންދާނެ ކަމެއްކަން ޚުޠުބާގައި ފާހަގަކޮށްފިއެވެ.
ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުޠުބާ ޚާއްޞަކޮށްފައިވަނީ ”ޢާއިލީ ގުޅުން ހަރުދަނާކުރުމުގެ މުހިންމުކަން“ މި މަޢުޟޫޢަށެވެ.
ޚުޠުބާގައި ބަޔާންކުރި ގޮތުގައި، އިސްލާމްދީނުގައި ރަޙިމުގެ ގުޅުމަށް ދެއްވާފައިވާ ޚާއްޞަ ޤަދަރު އެނގިގެންދަނީ، އެ ގުޅުމަށް މާތް ﷲ ގެ އިސްމުފުޅު ”الرَّحْمَـٰن“ އާ ގުޅުވައިގެން ނަންދެއްވާފައިވާތީއެވެ. މި މަތިވެރި ގުޅުން ދެމެހެއްޓުމަކީ ދުނިޔެމަތީގައި ރިޒުޤު ތަނަވަސްވެ، ޢުމުރުގައި ބަރަކާތްލައްވާނެ ކަމެއް ކަމަށް ކީރިތި ރަސޫލާގެ ޙަދީޘްފުޅުތަކުން ސާބިތުވާކަން ހަނދާންކޮށްދިނެވެ.
އެހެންނަމަވެސް، މި ގުޅުން ކަނޑައިލުމަކީ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ވަރަށް ނުރައްކާތެރި ކަމެއް ކަމަށް ޚުޠުބާގައި ވަނީ ބުނެފައެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘްފުޅެއްގެ މާނައިގައިވާ ފަދައިން، ރަޙިމުގެ ގުޅުން ކަނޑައިލާ މީހަކު ސުވަރުގެއަކަށް ނުވަންނާނެއެވެ. އަދި ޙަޤީޤީ ގާތްކަން ދަމަހައްޓާ މީހަކީ އަނެކާ ހެޔޮކޮށް ހިތުމުން ބަދަލުދޭ މީހާ ނޫން ކަމަށާއި، އަނެކަކު އެ ގުޅުން ކަނޑައިލި ނަމަވެސް އިސްނަގައިގެން ގުޅުން ގުޅުވާ މީހާ ކަމުގައި ޚުޠުބާގައި ބަޔާންކުރިއެވެ.
މީގެއިތުރުން، މިއަދުގެ މުޖުތަމަޢުގައި އަޚުލާޤީ ފެންވަރު ދަށަށްގޮސް، ޢާއިލާތައް ރޫޅެމުންދާ މައިގަނޑު ސަބަބަކީ ދަރިން ތަރުބިޔަތުކުރުމުގައި ދިމާވާ މައްސަލަތައް ކަމަށް ޚުޠުބާގައި ފާހަގަކުރިއެވެ. ކޮންމެ ކުއްޖަކުވެސް އުފަންވަނީ ސާފު ފިޠުރަތުގެ މަތީގައި ކަމަށްވާއިރު، މައިންބަފައިންގެ މައްޗަށް އޮތް އެންމެ ބޮޑު ވާޖިބަކީ ދަރިންނަށް އިސްލާމީ އަދަބުތައް އުނގަންނައިދީ، ގާތްތިމާގެ މީހުންނަށް ކަމޭހިތަން ދަސްކޮށްދިނުމެވެ.
ޚުޠުބާ ނިންމާލަމުން، ދަރިންނަށް ހަމައެކަނި ދުނިޔަވީ މާއްދީ ތަކެތި ހޯދައިދިނުމުގެ ބަދަލުގައި، ދީނީ ކަންކަމަށް އަހުލުވެރިކުރުވުމަށް އިލްތިމާސްކުރިއެވެ. އެގޮތުން ކުދިންގެ ޢުމުރުން ހަތް އަހަރުވުމުން ނަމާދުކުރަން އަމުރުކުރުމަށާއި، ދީނީ ވާޖިބުތަކަށް ފަރުވާތެރިވާ ބައެއްގެ ގޮތުގައި ދަރިން ބޮޑެތިކުރުމަކީ މައިންބަފައިންގެ މައްޗަށް ލާޒިމުވެގެންވާ ކަމެއް ކަމުގައި ނަޞޭޙަތްތެރިވިއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...