އަޅުގަނޑުމެންގެ ދިރިއުޅުމުގެ އާދަކާދަތަކަށް އައިސްފައިވާ ބަދަލުތަކާއެކު، ގިނަ ދުވަހު ބަހައްޓައިގެން ކެވޭ ގޮތަށް ކެމިކަލްތަކާއި ސަކަރާއި އަދި ސަރުބީ އެކުލައްވައިގެން ތައްޔާރުކުރާ 'އަލްޓްރާ-ޕްރޮސެސްޑް' ކާނާއަށް ދެވިފައިވާ ސަމާލުކަން ވަނީ އިތުރުވެފައެވެ. ނަމަވެސް، އެނުއަލް ރިވިއު އޮފް ނިއުޓްރިޝަން ޖަރނަލްގައި އާންމުކޮށްފައިވާ ސައިންޓިފިކް ދިރާސާއަކުން އެނގޭ ގޮތުގައި، މިފަދަ ކާނާ އާންމުކޮށް ބޭނުންކުރުމަކީ އުމުރުން ދުވަސްވުމުން ސިކުނޑީގެ ހަނދާނަށާއި ސިއްހަތަށް އޭގެ ނޭދެވޭ އަސަރު ސީދާ ފޯރާ ކަމެކެވެ. އެމެރިކާގެ ޕެނިންގްޓަން ބަޔޯމެޑިކަލް ރިސާޗް ސެންޓަރުގެ ރިސާޗަރު އޮވެން ކާރމައިކަލްއާއެކު ދުނިޔޭގެ 26 ސައިންސްވެރިއަކު އިސްނަގައިގެން ކުރިއަށްގެންދިޔަ މި ދިރާސާއިން ވަނީ މިކަމުގެ ގިނަ ހެކިތަކެއް ތިލަކޮށްދީފައެވެ.
ޕެކެޓްކުރި ސުނޭކުތަކާއި، ސޯޑާ ބުއިންތަކާއި، ފްރޯޒަން ކާނާގެ އިތުރުން ޕްރޮސެސްކޮށްފައިވާ މަހުގެ ބާވަތްތައް ތައްޔާރުކުރާ މަރުހަލާގައި، އޭގައި ގުދުރަތީގޮތުން އެކުލެވޭ ފައިބަރާއި ވިޓަމިން ފަދަ ސިއްހަތަށް ފައިދާހުރި މާއްދާތައް މުޅިންހެން އުނިވެގެންދެއެވެ. އެމެރިކާގެ އާބާދީން ދުވާލެއްގެ މައްޗަށް ބޭނުންކުރާ ކެލޮރީގެ 55 އިންސައްތައަށްވުރެ ގިނަ ކެލޮރީ އަދި އޮސްޓްރޭލިއާގެ އާބާދީގެ 42 އިންސައްތަ ކެލޮރީ ހިއްސާކުރަނީ މިފަދަ ސިއްހަތަށް ނުރައްކާތެރި ކާނާއެވެ.
އިންސާނުންގެ ސިއްހީ ދިރާސާތަކުން އެނގޭ ގޮތުގައި، މިފަދަ ކާނާ ގިނައިން ބޭނުންކުރާ މީހުންގެ ކަންކަން ރޭވުމުގެ ގާބިލުކަން ދަށްވެ، ނަފްސާނީ ނުކުޅެދުންތެރިކަމާއި އަދި ބުއްދި ސަލާމަތުން ހުރުމަށް ހުރަސްއެޅޭ ޑިމެންޝިއާ ފަދަ ނުރައްކާތެރި ބަލިތަކަށް ހުށަހެޅުމުގެ ފުރުސަތު ބޮޑުވެއެވެ. އިނގިރޭސިވިލާތުގެ ޔޫކޭ ބަޔޯބޭންކްގެ މައުލޫމާތުތަކަށް ބަލާއިރު، ދުވާލަކު އެންމެ 25 ގްރާމްގެ ޕްރޮސެސްކުރި މަސް ކެއުމުންވެސް ޑިމެންޝިއާގެ ނުރައްކާ 44 އިންސައްތައާއި 52 އިންސައްތައާ ދެމެދުގެ މިންވަރަކަށް މައްޗަށްދެއެވެ. ނަމަވެސް، ކެއުމުގެ ތެރޭގައި ހިމެނޭ މިފަދަ ކާނާގެ އެންމެ 10 އިންސައްތަ ގުދުރަތީ ކާނާއަށް ބަދަލުކޮށްލުމުންވެސް ބަލީގެ ނުރައްކާ 19 އިންސައްތައަށް ކުޑަކޮށްދެއެވެ.
ސިކުނޑީގެ އިމޭޖިން އަދި އެމްއާރުއައި ސްކޭންތަކުން ދައްކާ ގޮތުގައި، މަތީ މިންވަރަކަށް ހަކުރާއި ސަރުބީ އަދި ޕްރޮސެސްކުރި މަސް ބޭނުންކުރުމަކީ އުމުރުން ދުވަސްވާއިރު ސިކުނޑީގެ އޮނިގަނޑު ކުޑަވުމަށް މެދުވެރިވާ ކަމެކެވެ. މީގެ އިތުރުން، ހަކުރު ގިނައިން އެކުލެވޭ ބުއިންތަކުގެ ސަބަބުން ސިކުނޑީގެ ނާރުތަކުގެ މެދުގައި މެސެޖުތައް ފޮނުވައިދިނުމަށް އެހީވެދޭ 'ވައިޓް މެޓަރ' އަށް ބޮޑެތި ގެއްލުންތަކެއް ލިބޭކަން ވަނީ ކަށަވަރުވެފައެވެ.
ލެބޯޓްރީތަކުގައި ޖަނަވާރުތައް ބޭނުންކޮށްގެން ހައްދާފައިވާ ދިރާސާތަކުން އެނގުނު ގޮތުގައި، ކާނާއަށް އަޅާ ނުރައްކާތެރި އެޑިޓިވްސްގެ ސަބަބުން ބަނޑުގެ ގުދުރަތީ ބެކްޓީރިއާތައް ހަލާކުވެ، ލޭގެ ތެރެއިން ސިކުނޑިއަށް ގެއްލުންހުރި މާއްދާތައް ވަނުން ހުއްޓުވައިދޭ 'ބްލަޑް-ބްރެއިން ބެރިއާ' ބަލިކަށިވެގެންދެއެވެ. މީގެ އިތުރުން ހަނދާން ބެހެއްޓުމާ ގުޅިފައިވާ 'ހިޕޯކޭމްޕަސް' ސަރަހައްދުގައި އެލްޒައިމާސް ބައްޔަށް މަގުފަހިކުރާ އެމިލޮއިޑް ޕްލާކް އުފެދޭ މިންވަރު މަތިވާކަންވެސް ވަނީ ފާހަގަކުރެވިފައެވެ.
މި ދިރާސާތަކުން ކާނާއާއި ސިކުނޑީގެ ނުކުޅެދުންތެރިކަމާ ދެމެދު ބޮޑު ގުޅުމެއްވާކަން ސާބިތުވި ނަމަވެސް، ސީދާ ގެއްލުންވަނީ ކާނާ ތައްޔާރުކުރާ މަރުހަލާގެ ސަބަބުންކަން ނުވަތަ އޭގައިވާ ކެމިކަލްތަކުގެ ސަބަބުންކަން އަދި ކަށަވަރެއް ނުވެއެވެ. އެހެންކަމުން، އާންމު ސިއްހަތު ރައްކާތެރިކުރުމަށްޓަކައި ސިގަރެޓް ކޮންޓްރޯލްކުރުމަށް އެޅި ފަދަ ވަރުގަދަ ފިޔަވަޅުތަކެއް އަޅައި، ހަކުރު ގިނަ ބުއިންތަކުން ޓެކްސް ނެގުމާއި، ސްކޫލްތައް ކައިރީގައި މިފަދަ ތަކެތި ވިއްކުން ބަންދުކުރުން ފަދަ ސިޔާސަތުތައް ގާއިމުކުރުމަށް ދިރާސާވެރިން އިލްތިމާސްކުރައްވައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...