ދިވެހިރާއްޖޭގެ ދިވެހި ދައުލަތުގެ ދުސްތޫރީ ނިޒާމް އެކުލެވިގެންވަނީ ތިންބާރު ވަކިވެފައިވާ އެއްބާރުން އަނެއް ބާރުގެ މައްޗަށް ބާރާއި ނުފޫޒު ނުފޯރުވޭ ގޮތައް ހިނގާ ތިންބާރުގެ މައްޗަށެވެ. މިކަން ނުހަނު ސާފުކޮށް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް 2007 ވަނަ އަހަރު ތަސްދީގު ކުރި ފެހި ޤާނޫން އަސާސީގައި ކަޅާހުދުން ވަނީ ލިޔެފައެވެ. އެއީ ރައްޔިތުންގެ މަޖުލީސް (ޤާނޫންހެދުމުގެބާރު) ޝަރުޢީ ދާއިރާ (އަދުލްއިންސާފް ޤާއިމްކުރުމުގެ ބާރު) އަދި ދައުލަތުގެ އެގްޒެކްޓިވް ބާރުގެ މައްޗަށެވެ.
ރަނގަޅު ވާހަކައެކެވެ. ފެހި ޤާނޫން އަސާސީގެ ދަށުން ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމް ބަދަލުކުރެވިއްޖެ އެވެ. ރާއްޖެއަށް ޑިމޮކްރަސީ ގެނެވިއްޖެ އެވެ. 2008 ވަނަ އަހަރުގެ އިންތިޚާބާއެކު ފެހިޤާނޫނު އަސާސީގެ ދަށުން ޖުމްލަ ތިން ރިޔާސީ އިންތިޚާބު ބޭއްވިއްޖެ އެވެ. ނަތީޖާވެސް ފެނިއްޖެއެވެ. އަދި ހަމަ އެހެންމެ މިހާރު ދިވެހީން ތައްޔާރުވަމުން މިދަނީ މިޤާނޫން އަސާސީގެ ދަށުން ތިންވަނަ ފަހަރަށް ރައްޔިތުންގެ މަޖުލީހަށް މެމްބަރުން އިންތިޚާބުކޮށް އާ މަޖުލީހެއް އެކުލަވާލުމަށެވެ. ސުވާލަކީ ރައްޔިތުންގެ މަޖިލީހުން ރައްޔިތުންނަށް ލިބެންވާ ހިމާޔަތާއި ރައްކާތެރި ކަމާއި ކުރިއެރުން ފެހި ޤާނޫން އަސާސީގެ ރޫޙާ އެއްގޮތައް ރައްޔިތުންނަށް ލިބެމުންދޭތޯއާއި މެދު ކުރެވޭ ސުވާލުތަކެވެ. ރައްޔިތުންގެ މެދުގައި މިއަދު ކުރެވެމުންދާ ބަހުސަކީ ރައްޔިތުންގެ މަޖުލީހަށް އިންތިޚާބު ކުރާ ރައްޔިތުންގެ މަންދޫބުންގެ އިޚްލާސްތެރި ކަމެއް ނެތްކަމުގެ ބަހުސެވެ. ސުވާލަކީ އެމަންދޫބުންގެ އިޚުލާސްތެރި ކަމެއް ނެތިގެން މިއުޅެނީ ކީއްވެގެންތޯއެވެ. ޖަވާބު ކިތަންމެހާވެސް ކުރެވެ. ޖަވާބަކީ އިޚްލާސްތެރި މެމްބަރުން އިންތިޚާބު ކުރުމުގެ ބާރު އޮތީ ހަމަ ތިޔަ ރައްޔިތުންގެ އަތްމަތީ ނޫންތޯއެވެ.
ރައްޔިތުންގެ ޖީބުތަކަށް ބާރު ބޮޑުވާ ގޮތައް ޤާނޫނުތައް ފާސްކުރުމަށް ވޯޓުދިނުމަށް ޖެހިލުންވާ މެމްބަރުންނަކީ މަދު ބައެކެވެ. ހަމަ އެހެންމެ ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރަނީވެސް އެމަންޒަރުތައް ޓީވީތަކުން ލައިވްކުރާތީއޭ ވެސް ހީވާފަހަރު މަދެއް ނޫނެވެ. ސަބަބުތައް ބައިވަރެވެ. އެފަދަ ގިނަބަހުސާއި ވޯޓުދޭގޮތާއި ތަފާތުވެފައި ހުރީ މަދުފަހަރަކު ނޫނެވެ. ހަމަ އެބީދައިން އިންކަމްޓެކުސްގެ ޤާނޫނުގެ ވާހަކަ އާއި، މިނިމަމްވޭޖެއް ކަނޑައެޅުމުގެ ޤާނޫނުގެ ވާހަކަ އާއި، މާލޭގެ ކުލި ކޮންޓްރޯލް ކުރުމުގެ ޤާނޫންގެ ވާހާކަ އާއި، މިފަދަ ރައްޔިތުންނާ ގުޅުން ހުރި އެތައް އެތައް ޤާނޫނެއްގެ ވާހަކަ ރައްޔިތުންގެ ކަންފަތްތަކަށް ކިތަންމެ ވަރަކަށް އިވުނު ނަމަވެސް ޢަމަލީ ސިފައެއް އަންނަތަނެއް ނުފެނެއެވެ. ރައްޔިތުން މިއަދު ތިބީ މިކަންކަމާ މާޔޫސްވެ ގޮތްހުސް ވެފައެވެ.
އަތޮޅުތަކުގައި އުޅޭ ރައްޔިތުންނަށް ގުރޭޓާ މޭލެ މިކިޔާ ސަރަހައްދެކޭ އެއްގޮތައް އެއްފެންވަރެއްގައި އަސާސީ ޚިދުމަތްތަކާއި އެހެނިހެން ޚިދުމަތްތައް ފޯރުކޮށްދިނުމަށް އާބަން ސެންޓަރުތަކެއް އަތޮޅުތެރޭގައި ޤާއިމްކުރާ ވާހަކަ ދައްކާތާ އެތައް އަހަރެއް ވެއްޖެއެވެ. ނަމަވެސް މުޅި ރާއްޖެ ތަރައްޤީ ކުރުމުގެ ޕްލޭނެއް ޤާނޫނެއްގެ ސިފައިގައި ނެތުމުން ކޮންމެ ފަސްއަހަރަކުން ސަރުކާރު ބަދަލުވުމުން އެސަރުކާރަކުން ކަންކުރަނީ މާބޮޑު ޕްލޭނެއްނެތި އެބައެއްގެ ވިސްނުމާ ސިޔާސީ ފިކުރަށް އެންމެ ފައިދާ ހުރި ގޮތަށެވެ.
މިހުރިހާ ކަމެއް މިހެން ހުރުމުން ރައްޔިތުންގެ ގިނަބަޔަކު މިއަދު އަޑުހަރުކޮށް ދައްކާ ގިނަބަޔަކު އިއްތިފާގުވާ އެއްވާހަކައެއް އެބައޮތެވެ. ރައްޔިތުންގެ މަޖިލީހުގައި އޭރުވެސް މިހާރުވެސް ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި ގިނައިންތިބީ ވިޔަފާރި ވެރިންނެވެ. ނުވަތަ ކޮންމެސް ވިޔަފާރި ވެރިއެއްގެ މަދަދާއި ހިޔަނީގައި މަޖިލީހަށް ވަޑައިންގެން މަންދޫބުންނެވެ.
އިންކަމްޓެކުސްގެ ޤާނޫނު ފަދަ އެތައް ޤާނޫނެއް ހަދަންވެސް ތިބީ ޓެކުސް ދައްކަންޖެހޭ ފަރާތް ތަކެވެ. މިނިމަމްވޭޖްގެ ޤާނޫން ފާސްކުރަންވެސް ތިބީ އެންމެ ގިނަ މުވައްޒަފުން ގެންގުޅޭ ކުންފުނި ތަކުގެ ވެރިންނެވެ. ނުވަތަ އެފަރާތް ތަކުގެ މަދަދުޤާރުންނެވެ. މާލޭގެ ކުލި ކޮންޓްރޯލް ކުރުމުގެ ޤާނޫނެއް ހަދަން ބަލާއިރުވެސް ތިބީ އެކަންކަމުން މަންފާލިބޭ ފަރާތްތަކެވެ. މާލޭ ސަރަހައްދައް މީހުން ޖަމާވުން ކޮންޓްރޯލްކޮށް އަތޮޅުތައް ތަރައްޤީ ކުރުމުގެ ޤައުމީ ސިޔާސަތެއް އެކުލަވާލައި ޤާނޫނީބާރު ދޭން ބެލިނަމަވެސް މަޖިލީހުގައި ތިބީ މާލެ ހިމެނޭ ސަރަހައްދުގައި މީހުން ޖަމާކޮށްގެން އޭގެ މަންފާ ހުރިހާ ގޮތަކުންވެސް ނަގަމުންދާ ފަރާތްތަކެވެ.
ސުވާލަކީ މިކަން ކަން އެގިތިބެ މިވާހަދަ ދައްކާލަ ދައްކާލާ ދިވެހި ރައްޔިތުން ތާއަބަދު ތިބޭނީހެއްޔެވެ؟ ނޫނީ 2019 ވަނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތޚާބުގައި ވިޔަފާރިވެރިންގެ އަތްދަށުން ރައްޔިތުންގެ މަޖުލީސް މިނިވަންކޮށް އިޚްލާސްތެރި މަންދޫބުން އިޚްތިޔާރު ކުރާނީ ހެއްޔެވެ؟ ނޫނީ މަޖުލީހުގެ އިންތިޚާބުގެ ދުވަސްވަރު ވިޔަފާރި ވެރިޔާގެ ފަރާތުން ލިބޭ މާލީ މަންފާއަަކަށް ނުވަތަ އެނޫންވެސް ވަގުތީ މަންފާއަކަށް ވޯޓް ވިއްކާލާ ރަށްޔިތުންގެ މަޖުލީސް ޚަރާބުކޮށް ތިމާގެ ދަރީންނާ ދަރީންގެ ދަރީންގެ މުސްތަގުބަލް ނަގާލާނީ ހެއްޔެވެ؟
ކޮމެންޓް (0)
ލޯޑް ކުރަމުން...