ރިޕޯޓް މިނިވަންކަމަށް 54 އަހަރު – މި ލޮބުވެތި ވަޠަން މިގޮތުގައި އަބަދަށް

މިނިވަންކަމަށް 54 އަހަރު – މި ލޮބުވެތި ވަޠަން މިގޮތުގައި އަބަދަށް

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ޤައުމަކަށް މިނިވަންކަން ލިބުމަކީ އެޤައުމަކަށް އެފަދަ ދެވަނައެއް ނުވާވަރުގެ ބޮޑު ނިޢުމަތެކެވެ. އަޅުގަނޑުމެންނަށް އާދެ “ދިވެހިރާއްޖެ”އަށް މި ފަދަ ބޮޑު ނިއުމަތެއް ލިބި މިނިއުމަތުގައި ދެމިތިބެވުމުގެ އަސްލަކީ އިސްލާމްދީނާއި، އަޅުގަނޑުމެންގެ ތެރޭގައި ދެމިއޮތް އެއްބައިވަތަންކަން ކަމުގައި ނޫނީ ނުވާނެއެވެ. އެހެންކަމަށްވާނަމަ މި ނިޢުމަތް ފިލައި ދިޔަނުދީ ދެމިއޮތުމަށް އަދިވެސް އެދޭބަޔަކު ވިސްނާލަން ޖެހޭ ކަންކަން ވަރަށް ގިނައެވެ.

ދިވެހި ތާރީޚުން އެނގެންއޮތް ގޮތުގައި ދިވެހިންގެ މިނިވަންކަން ގެއްލިފައިވަނީ ތިންފަހަރެއްގެ މަތިންނެވެ. އެއި ޕޯޗްގީޒުންގެ އަތްދަށަށް ރާއްޖެ ދިއުމާއި، ހޮޅިންގެ ބަޔަކު ވެރިވުމާއި، އިނގިރޭސިންގެ ޙިމާޔަތުގެ ދަށަށް ރާއްޖެ ދިއުމެވެ. އަދި މީގެ އިތުރުން އެބައެއްގެ އަތްދަށަށް ރާއްޖޭގެ ވެރިކަން ނުދިޔަނަމަވެސް 3 ނޮވެމްބަރ 1988 ގައި އޮޅުދޫކަރައިގެ ތަމަޅަ ޓައިގަރުންގެ ޖަމާއަތަކުން ރާއްޖޭގެ ވެރިކަމާއި ތޮޅެން އައި އައުންވެސް ހަދާނަން ގެނަން ޖެހެއެވެ.  

ބަޔާންވެ ދިޔަ ކޮންމެފަހަރަކުވެސް ދިވެހިންގެ މިނިވަންކަން ގެއްލިފައިވަނީ ދިވެހި އުންމަތަށް ޚިޔާނާތްތެރިވި މަދު ޚާއިނުންގެ ބައެއްގެ ސަބަބުންނެވެ. އެއިން ކޮންމެ ފަހަރަކުވެސް ދިވެހިންގެ ތެރެއިން ބަޔަކު ބޭނުންވީ ދިވެހިރާއްޖޭގެ ވެރިކަމެވެ. ނުވަތަ މަތިވެރިކަމާއި، ޖާހަތެވެ. އެ އެދުންވެރިކަމުގެ ސަބަބުން އެ ޚިޔާލުތައް އުފެއްދި ޚާއިނުންނަށްވެސް އަދި ކުށެއްނެތް ދިވެހި ލޮބުވެތި ރައްޔިތުންނަށްވެސް ކުރިމަތިވެގެން ގޮސްފައިވަނީ ގެއްލުމާއި ހަލާކެވެ.

މިއަދު އަޅުގަނޑުމެން ފާހަގަކުރަމުން މިދަނީ ދިވެހިރާއްޖޭގެ 54 ވަނަ މިނިވަންދުވަހެއެވެ. މާޒީން އިބްރަތް ލިބިގަނެ މި ނިޢުމަތް ދެމެހެއްޓުމަށް އަޅުގަނޑުމެން މިއަދު ފިކުރުކުރާން ވެއްޖެއެވެ. އެކި ނަންނަމުގައި އެކިއެކި ފަރާތްތަކުން ރާވަމުންދަނީ ނުރައްކާތެރި ރޭވުންތަކެވެ. ސިޔާސީ ގޮތުންނާއި، ދީނީގޮތުނެވެ. އިޖްތިމާއީ ގޮތުންނާއި، އިންސާނިއްޔަތު ރޮގުންނެވެ. އެފަދަ ފަރާތްތަކުގެ މަޅީގައި އަޅުގަނޑުމެން ޖެހިއްޖެނަމަ ޤައުމުގެ މިނިވަންކަން އަނެއްކާވެސް ގެއްލިގެން ދިއުމަކީ ހަމަ އެކަށީގެންވާކަމެކެވެ.

މިނިވަން ދުވަސްފަދަ ފަޚުރުވެރި ދުވަހެއް ފާހަގަކުރާއިރު އަޅުގަނޑުމެން ކޮންމެ ދިވެއްސަކުމެ އުފާކުރާ އަދި ފަޚުރުވެރިވާ މުހިއްމު އެއްކަމަމަކީ ރާއްޖޭގެ މިނިވަންކަން ގެއްލި، ގިލަންވެރިކަމެއްގެ ތެރެއަށް ޤައުމު ދިޔަ ކޮންމެ ފަހަރަކުވެސް، ކީރިތިވަންތަ ﷲގެ މިންވަރުފުޅާއި އިނާޔަތުން ޤައުމީ ބަތަލުންތަކެއް ޤައުމުގެ ދިފާޢުގައި ނުކުމެ ފުރާނައިން ޤުރުބާންވެ އަޅުގަނޑުމެންގެ މިނިވަންކަން އިޔާދަކޮށްދީފައިވާކަމެވެ.

އަޅުގަނޑުމެން ކޮންމެ ދިވެއްސަކުވެސް މިނިވަންކަމުގެ ވާހަކަދައްކާއިރު ދިވެހި ޤައުމު މިނިވަން ކަންމަތީ ތާއަބަދަށް ބޭއްވުމަށްބޭނުންވާން އެބަޖެހެއެވެ. އެބޭނުންވާ ބޭނުންވުމަކީ ތިމާ އަމިއްލަ ފަރުދެއްގެ ގޮތުގައި އަދާކުރަންޖެހޭ ޒިންމާތަކާއި، ހަމައިން ފެށިގެންގޮސް މުޅި ޤައުމުގެ އެންމެހައި ރައްޔިތުންގެ ގޮތުގައި އަދާކުރަންޖެހޭ ޒިންމާތަކާ ހިސާބަށް ދިއުމެވެ. ޔަޤީންކަމާއި، އިތުބާރާއެކު ކަންކަމަށް ކުރިމަތިލުމެވެ.   

ބޭރުމީހުންގެ ކުރިމަތީގައި ދިވެހިންގެ އަގު ހިފެއްޓެންވާނެއެވެ. ދީނާއި، ސަޤާފަތާއި އާދަކާދައަށް އިޙްތިރާމް ކުރެވެންވާނެއެވެ. ހުޅަނގުގެ ތަހްޒީބުގެ އަވާގައި ޖެހި ދިވެހިވަންތަކަން ހަދާންނެތިގެން ނުވާނެއެވެ. އާބާދީގެ ޢަދަދު މަދުވުމާއި، ވަޞީލަތްތައް މަދުވުމަކީ ބައެއްގެ އުނގަށްވެއްޓި އަޅުވެތިވާންޖެހޭ ސަބަބަކަށް ވެގެންނުވާނެއެވެ. އަބަދާއި އަބަދު ސަލާންޖަހަން ޖެހޭ ބަޔަކަށް ވެގެން އެކަން ސިނކުޑީގައި ބިންވަޅުނެގި ، އެކަމަށް ގޮސް ހުސްވެގެން ނުވާނެއެވެ. ދަރަންޏާއި، ހިލޭއެހީގައި އަދަބުމެ ކުރިއަށްދާން ގަސްތުކުރާ ބަޔަކަށް އަޅުގަނޑުމެން ވެގެންނުވާނެއެވެ.

އެހެންކަމުން އަޅުގަނޑުމެން ކޮންމެ ފަރުދަކުވެސް އަދި ސަރުކާރުގެ ފަރާތުންވެސް ވިސްނަންވީ އަދި މަސައްކަތްކުރަންވީ ޤައުމުގެ މިނިވަންކަން ގެއްލިދާނެ ކިތަންމެ ކުޑަކަމަކުންވެސް ދުރުހެލިވެތިބުމަށެވެ.  އެގޮތުން ރައްޔިތުންގެ މެދުގައި ފަސާދައާއި ބައިބައިވުމަށް ހިތްވަރުލިބޭފަދަ އެންމެހާ ކަންކަމުން ދުރުވެތިބެ ، ޤައުމުދެކެ ލޯބިވާ އަދި ޤައުމުގެ މިނިވަންކަމާއި، އިސްތިޤްލާލު ހިމާޔްތްކުރާންތިބި ބަޔަކަން އަޅުގަނޑުމެން ވާންއެބަޖެހެއެވެ. މި ލޮބުވެތި ވަޠަން މިގޮތުގައި އަބަދަށް ދެމިއޮންނާނީ އެގޮތުގައި ޤާއިމްވެ ތިބެގެންނެވެ.

ޓެގް

މިނިވަންދުވަސް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.