ޒަމާނުއްސުރެ ދިވެހިރާއްޖޭގައި ފަނޑިޔާރުކަން ކުރައްވަމުން އަންނަ ބައެއް ފަނޑިޔާރުންނަކީ މަޤާމުގެ އާރާއި ބާރުގެ ބޭނުންހިފައި ހިތަށްއެރިގޮތަކަށް ޙުކުމްތައް ވިއްކާ ތަނެއްދޮރެއް ނުބަލައި ޝަރީޢަތްތައް ނިންމަމުން ގެންދެވި ބޭފުޅުންނެވެ. މިއީ ގިނަދިވެހިން ދަންނަ ބޮޑު ސިއްރެކެވެ.
މިފަދަ ފަނޑިޔާރުންގެ ޢަމަލުތައް ގިނަފަހަރަށް ދީލައިލަނީ އެއިރެއްގައި އޮންނަ ވެރިކަމެއްގެ ބޮޑުގަހުގެ ހިޔަލާ ދިމާއަށެވެ. ވަރަށް މަދުފަހަރެއްގައި ނޫނީ މިދެންނެވި ބޮޑުގަހުގެ ހިޔަލުން ނެއްޓި މަޤާމްގެ ދަހިވެތިކަމަށްވުރެ ރައްޔިތުންގެ ޙައްޤުތައް އިސްކުރާ ފަނޑިޔާރުން ނުފެނެއެވެ.
މިފަދަ ގޮތެއްފޮތެއްނެތި ޝަރީޢަތްތައް ހިންގަމުން ގެންދާ ފަނޑިޔާރުގެއެއް އޮވެއްޖެނަމަ ވީއެންމެ އަވަހަކަށް އެކަން އިސްލާޙްކުރުމަކީ އެއިރެއްގައި އޮންނަ ސަރުކާރަކަށް އޮތް އެންމެއިސް ވާޖިބުކަމުގައި ނޫނީ ނުވާނެއެވެ. އެހެންނަމަވެސް ދައުލަތުގެ ތިންބާރުގެ ތެރެއިން އެއްބާރަކީ ޖުޑީޝަރީ ނުވަތަ ފަނޑިޔާރުން ކަމުގައި ވީހިނދު ފަނޑިޔާރުގެ އިސްލާހް ކުރުމުގެ މަސައްކަތަކީވެސް ވަރަށް އުނދަގޫ އަދި ބިރުވެރި މަސައްތަކަށް ދިވެހިރާއްޖޭގައި މިވަނީ ވެފައެވެ.
ނިމިގެންދިޔަ ސަރުކާރުތަކުންވެސް އަދި މިސަރުކާރުން ކެނޑިނޭޅި ބުނަމުން އެގެންދަނީ މިނިވަން މުއައްސަސާއަކަށް ވިޔަސް އަދި ދައުލަތުގެ އެހެން ބާރުގަދަ ވެރިއެއް ކަމުގައިވިޔަސް ދިވެހި ދިދައިގެ ދަށުގައި އުޅޭ އެންމެންނަކީވެސް ޤާނޫނުގެ ދަށުގައި ތިބެންޖެހޭނެ ބައެއްކަމެވެ. މާނައަކީ ހަމަ ކޮންމެ މީހަކާވެސް އިންސާފާކުރިމަތިލާންޖެހޭނެކަމާއި، އެމީހަކު ހިތަށްއެރިހާ ގޮތަކަށް ހިތަށް އެރިހައި ކަމެއް ނުކުރެވޭނެވާހަކައެވެ.
މިސަރުކާރުއައިފަހުން މިވީ އަހަރެއްހާ ދުވަހުގެ ތެރޭގައި ދައުލަތުގެ ހިންގުމުގެ ދާއިރާއަށް ބޮޑެތި ބަދަލުތަކެއް ދަނީ ގެންނަވަމުންނެވެ. މިނިވަން މުއައްސަސާތަކުގެ ވެރިން އެ ގެންދަވަނީ ބަދަލުކުރައްވަމުންނެވެ.
އެފަދަ ތަންތާންގެ އިސްވެރިންނަށް ސަރުކާރު ހިންގާމައިޕާޓީ ( އެމްޑީޕީ ) ފިކުރުގެ ބޭފުޅުން އައްޔަން ވެގެންދާ ދިއުމަކީ މިދެންނެވި އިސްލާޙީ ފިޔަވަޅުތަކުގެ ތެރެއިން ދިމާވާ އިއްތިފާޤު ތަކަކަށްވެސް ވެދާނެއެވެ.
ގިނަފަނޑިޔާރުންތަކެއް މިހާރުމިވަނީ ސަސްޕެންޑްކޮށް މަޤާމުންވެސް ވަކިކޮށްފައެވެ. ޖޭއެސްސީގެ ތެރެއިންނާއި، ސަރުކާރުގެ ތެރެއިންވެސް ޖުޑީޝަރީއަށް ގެނެވެން ހުރި އިސްލާޙްތައް ގެނައުމަށް އެދަނީ އަވަސް އަދި އެހާމެ ހަލުވި ފިޔަވަޅުތަކެއް އަޅުއްވަމުންނެވެ. އެގޮތުން އުއްތަމަ ފަނޑިޔާރު ޑރ.އަޙްމަދު ޢަބްދުﷲ ދީދީއާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު އާދަމް މުޙައްމަދު ވެސް ފަޑިޔާރުކަމުގެ މަޤާމުން 60 ދުވަހަށް ސަސްޕެންޑްކުރުމަށްފަހު، މަޤާމުން ވަކިކުރުމަށް ޖޭއެސްސީން މިހާރު އެވަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފައެވެ.
އެ ދެބޭފުޅުން ފަނޑިޔާރުކަމުގެ މަޤާމުން ސަސްޕެންޑްކޮށް މަޤާމުން ވަކިކުރަން ޖޭއެސްސީން ނިންމީ އެދެބޭފުޅުންނާއި ބެހޭގޮތުން ޖޭއެސްސީން ތަޙްޤީޤުކުރި ސުލޫކީ މައްސަލަތަކާ ގުޅިގެންނެވެ. އެދެބޭފުޅުންނަކީ ފަނޑިޔާރެއްގެ ކިބައިގައި ހުރުން ލާޒިމުކުރާ ސުލޫކީ ސިފަތައް ނެތިގެންދާފަދަ ޢަމަލުތަކެއް ކުރައްވައިފައިވާމަށް ތަޙްޤީޤު ކޮމެޓީއަށް ހާމަވެފައިވާ ދެބޭފުޅުންކަމަށް ޖޭއެސްސީން ވަނީ ވިދާޅުވެފައެވެ.
މިދެ ފަނޑިޔާރުންގެ މައްޗަށް ސާބިތުވެފައިވަނީ ކޮންކޮންކުށްތަކެއް ކަމެއް ޖޭއެސްސީން ތަފްޞީލްކޮށް ނުދެއްވިޔަސް މިދެފަނޑިޔާރުންގެ މައްޗަށް ތަޙްޤީޤު ކޮމެޓީއަށް ސާބިތުވެފައިވާ ކަންތައްތަކަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 154 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދަ ފަނޑިޔާރުކަމުގެ މަޤާމާ އެކަށީގެން ނުވާ ފަދަ ޢަމަލުތަކެއްކަމަށް ޖޭއެސްސީންވަނީ ކަށަވަރު ކޮށްދީފައެވެ.
އެހެންކަމަށްވުމުން، ޤާނޫނު ނަންބަރު 10/2008 (ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނު)ގެ 1-32 ވަނަ މާއްދާގެ (ހ)ގެ (4) ވަނަ ނަންބަރުގެ ދަށުން، ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް، ޖޭއެސްސީން ނިންމީ ކަމުގައި ބުނެއެވެ.
ޖޭއެސްސީން ބުނެފައިވަނީ މިދެފަނޑިޔާރުންނާ ބެހޭގޮތުން ޖޭއެސްސީން ތަޙްޤީޤުކުރި މައްސަލަތަކުގެ ބާވަތަށް ބަލައި، ޝަރުޢީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް، މިބޭފުޅުން ފަނޑިޔާރުކަމުގެ މަސައްކަތުން ވަގުތީ ގޮތުން ދުރުކުރަން ޖެހޭކަމަށް ފެންނާތީ، މިދެފަނޑިޔާރުން 60 ދުވަހުގެ މުއްދަތަށް ފަނޑިޔާރުކަމުގެ މަސައްކަތުން ދުރުކުރުމަށް ކޮމިޝަނުން ނިންމާފައިވާކަމަށެވެ.
ސުޕްރީމް ކޯޓްގެ ހަތަރު ފަނޑިޔާރެއްގެ 51 މައްސަލައެއް ބަލަމުން އަންނަކަމަށް ޖުޑީޝަލް ސާރވިސް ކޮމިޝަން ބުނެފައިވާއިރު ، ސުޕްރީމް ކޯޓްގެ ހަތަރު ފަނޑިޔާރުން ހިމެނޭ 51 މައްސަލައެއް ބަލަމުން އަންކަމަށާއި، އެއީ އުއްތަމަ ފަނޑިޔާރު ޑރ.އަޙްމަދު ޢަބްދުﷲ ދީދީގެ 18 މައްސަލައަކާއި، ފަނޑިޔާރު ޢަބްދުﷲ ޢަރީފްގެ 14 މައްސަލަވެސް ހިމެނޭ ގޮތުންކަމަށް ޖުޑީޝާލް ސަރވިސްއިން ވަނީ ބުނެފައެވެ.
ފަނޑިޔާރުގެ އިސްލާހް ކުރުމަށް ކުރީގެ ސަރުކާރުތަކުން ކުރި މަސައްކަތްތައް އެހާ ކާމިޔާބު ނުވިނަމަވެސް މިސަރުކާރުން ކުރަމުންމިގެންދާ ހިތްވަރުގަދަ މަސައްކަތް ކާމިޔާބު ވާނެކަމާމެދަކު އެއްވެސް ޝައްކެއްނެތެވެ.
ރައީސް ނަޝީދުގެ ސަރުކާރު ވެއްޓެން ދިމާވި އެންމެ ބޮޑު މައްސަލައަކީ އޭރުގެ ކްރިމިނަލް ކޯޓްގެ އިސްޤާޟީ ޢަބުދުﷲ މުޙައްމަދު ހިފާ ހައްޔަރުކުރުން ކަމުގައި ގިނަބަޔަކު ޤަބޫލުކުރާއިރު، ފަނޑިޔާރުގެ އިސްލާހް ކުރުމަށް މިސަރުކާރުންކުރާ ކޮންމެ މަސައްކަތަކާއި، އަޅާކޮންމެ ފިޔަވަޅެއް އަޅާނީ މާޒީން ލިބުނު ޢިބުރަތުން ފިލާވަޅު ލިބެންގެންކަން ކަށަވަރެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...