ރިޕޯޓް އެޗްޕީއޭއިން ކުރައްވާ މަސައްކަތްތަކަށް ހަމަ ސަތޭކަ …..

އެޗްޕީއޭއިން ކުރައްވާ މަސައްކަތްތަކަށް ހަމަ ސަތޭކަ …..

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ދުނިޔޭގެ އެކިކަންކޮޅުތަކުގައި އިންސާނީ ވަބާއެއްގެ ގޮތުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ރާއްޖޭގައިވެސް ފެތުރި ނުރައްކަލެއްގެތެރެއަށް ދިވެހިރާއްޖެ ވެއްޓިދާނެތީ އެކަމުން ސަލާމަތްވުމަށް ޚާއްޞަގޮތެއްގައި ބައްޔަށް ޢާއްމުން ހޭލުންތެރިކުރުމަށް  ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުރައްވަމުން ގެންދަވާ މަސައްކަތްތަކީ އައްސަރިބަހާއި، ސާބަސް ޙައްޤު މަސައްކަތްތަކެކެވެ.

އެޗްޕީއޭއިންދަނީ ކޮވިޑް-19 އާ ގުޅިގެން އަމަލު ކުރަންވީ ގޮތުގެ އިރުޝާދުތައް ފުލުފުލުގައި އެސްއެމްއެސް މެދުވެރިކޮށް ރައްޔިތުންނަށް ފޯރުކޮށްދެމުންނެވެ. ބައެއް ފަހަރު ދުވާލެއްގެ މައްޗަށް ހައެއްކަ މެސެޖް އަންނަ ފަހަރުވެސް އެބަ އާދެއެވެ. ހުރިހާ މެސެޖެއްގައި ހެން ބުނެފައި ހުންނަނީ ބަލިން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްކާއި، ޢާއްމު މަޢުލޫމާތު ތަކެވެ.

އެ މެސެޖްތަކަކަކީ ކޮވިޑް-19 އިން ރައްކާތެރިވުމަށް އެޅެން ހުރި ފިޔަވަޅުތަކާއި މެދު ހޭލުންތެރި ކުރުމަށް އެޗްޕީއޭއިން އަދާކުރާ ޒިންމާއެކެވެ. އަދި އެޗްޕީއޭގެ މެސެޖްތަކާއި އެކު އެ ބައްޔާއި ގުޅިގެން ރާއްޖޭގައި އަޅާ ފިޔަވަޅުތަކާއި، އެންމެ ފަހުގެ އަދާހަމަ (އަޕްޑޭޓް)ތައް އެސްއެމްއެސް މެދުވެރިކޮށް ލިބުމުގެ ފުރުސަތު އެޗްޕީއޭއިން މިވަނީ ފަހިކޮށްދީފައެވެ.

ކޮވިޑް-19 އާ ގުޅިގެން އެޗްޕީއޭއިން ފޯރުކޮށްދޭ މައުލޫމާތުތަކަކީ މުވާސަލާތީ ގޮތުން ކުރިއަރާފައިވާ އަދުގެ ދުނިޔޭގައި ކޮންމެ މީހެއްގެ ފޯނާއި ހަމައަށް ފަސޭހަކަމާއެކު ފޯރުކޮށްދެވިދާނެ މަޢުލޫމާތު ތަކެއް ކަމުގައިވިޔަސް އެއީ ވަރަށް މުހިއްމު ބޭނުންތެރި މަޢުލޫމާތު ތަކެކެވެ.

އެޗްޕީއޭއިން ކުރާ ހަމައެކަނީ މަސައްކަތަކީ ފޯނުތަކަށް މެސެޖް ފޮނުވުމެއްނޫނެވެ. އެއީ ސިއްހީ ދާއިރާގެ މަސައްކަތް ކުރާ މުވައްޒަފުން ޚާއްޞަކޮށް އެޗްޕީއޭގެ ބޭފުޅުން މި ބަލި ރާއްޖޭގައި އިތުރަށް ފެތުރުނަ ނުދީ ރައްކާތެރިކުރުވުމަށް ރެ އާއި ދުވާލު ކުރާ މަސައްކަތުގެ ތެރެއިން ވަރަށް ކުޑަ މިންވަރެކެވެ.

މީގެ އިތުރުން ހެލްތްމިނިސްޓްރީގެ ފަރާތުން ތައްޔާރުކުރައްވާފައިވާ ކޮވިޑް-19 އަށް ޚާއްޞަކޮށްގެން ހިންގަވާ ވެބްސައިޓަކީވެސް ފާހަގަކޮށްލުން ޙައްޤު ބުރަ މަސައްކަތްތަކެކެވެ. އަދި އެބޭފުޅުންގެ އިއުލާންތަކާއި، ވީޑިއޯ ތަކާއި، އޯޑިއޯ ފަދަ ވަސީލަތްތަކަކީވެސް ފާހަގަކޮށް ތައުރީފް ކުރުން ޙައްޤުމަސައްކަތްތަކެކެވެ.

އެޗްޕީއޭއިން ކުރާ މެސެޖްތަކުގައި ކެއްސާ ކިނބިހި އަޅާ އިރު ޓިޝޫ އަކުން އަނގަ ނިވާ ކުރުމާއި، ޓީޝޫ ބެނުން ކުރުމަށް ފަހު ޑަސްބިނަށް އުކާލާ، ޓިޝޫ އުކާލުމަށް ފަހު ރަނގަޅަށް އަތް ދޮވުމަށް އިލްތިމާސްކޮށްފައިވެއެވެ.

މީގެ އިތުރުން ޓިޝޫ އެއް ނެތް ނަމަ އަތުގެ އުޅަނބޮށި ލަންބާލުމަށް ފަހު ނޭފަތާއި އަނގަ ނިވާކުރުމަށް ވެސް އިލްތިމާސްކުރެއެވެ. އަދި އެ މެސެޖްތަކުގައި ހުން އައިސް ކެއްސާ ކިނބިހި އަޅާ ނަމަ، އަމަލު ކުރާނެ ގޮތްތައް ވެސް ތަފްސީލްކޮށްދީފައިވެއެވެ.

މިފަދަ ހައްސާސް ދަނޑިވަޅެއްގައި ކުރާ މުހިއްމު މެސެޖްތައް ހުޅުވާލާފައި ރަނގަޅަށް ނުކިޔާ ދޫކޮށްލުމުގެ ބަދަލުގައި ގައުމުގެ ހާލަތާއި މެދު އަހުލުވެރިވެ، ރައްކާތެރިވެ ތިބުމަށް އެޗްޕީއޭގެ އިރުޝާދުތައް އަޑު އެހުމަކީ މުހިއްމު ކަމެކެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް އެޅޭނެ އެންމެ މުހިއްމު ފިޔަވަޅަކީ ފަރުދީ ޒިންމާ އަދާކުރުމެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް 10 މީހަކު ފައްސި (ޕޮޒިޓިވް) ވެފައިވާ އިރު، ބަލި ޖެހިފައިވަނީ މުޅިން ބިދޭސީންނަށެވެ.

ޓެގް

ކޮރޯނާވައިރަސް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.