އެއްޒަމާނެއްގައި، ޖަންގައްޔެއް ކައިރީ ބޮޑު ސަރަޙައްދެއްގައި ވިނަ ހެދިފައި އޮތެވެ. އެ ތަނާ ވަރަށް ކައިރި ހިސާބުގައި މީހުން ވަޒަންވެރިވެ ދިރިއުޅެމުންދާ ވިލެޖެއް އޮވެއެވެ. އެ ވިލެޖުގައި ދިރިއުޅޭ ބަކަރިގޮވިން އެ މީހުންގެ ބަކަރިތައް ގޮވައިގެން ހުއިހައްޕަން އެ ސަރަޙައްދަށް ކޮންމެ ދުވަހަކު އައިސް އުޅެއެވެ. ބަކަރިތައް ހުއިކާން އެ ތަނަށް ދޫކޮށްފައި، އެ ތަން ފެންނަ ހިސާބުގައި ބަކަރިގޮވިން އެ މީހުން ހިތްހަމަޖައްސަން މަޖާކޮށް އެކިކަހަލަ ކުޅިވަރުތައް ކުޅެ ހަދައެވެ.
ވިނަހެދިފައި ވާ މި ސަރަޙައްދު ނިމޭހިސާބުގައި ވަރަށް ޒަމާންވެފައިހުރި ބިޔަ ގަހެއް ހުރެއެވެ. އެ ގަހުގައި ބޮޑު ބާގަނޑެއް ހެދިފައި ވެއެވެ. ބާގަނޑުގެ އެތެރެ ބޮޑު ނަމަވެސް، އަނގަމަތި ވަރަށް ހަންޏެވެ. ބަކަރިގޮވިން ގެންނަ އެމީހުންގެ މެންދުރުގެ ކޮއްތު ޕަކެޓްތައް ރައްކާކުރަން ބަހައްޓަނީ ގަހުގެ އެ ބާގަނޑު ތެރޭގައެވެ. މެންދުރު ވަގުތު ވުމުން، ޕަކެޓްތައް އެތަނުން ނަގައިގެން، އެންމެން އެކުގައި ހަމަޖެހިލައިގެން ތިބެ ކައިހަދައެވެ.
އެއްދުވަހަކު، ބަނޑުހައިވެފައި އޮތް ހިޔަޅެއް، އެ ތަނަށް އަތުވެއްޖެއެވެ. ހިޔަޅަށް ކާނާގެ މީރުވަސް އެ ހިސާބުން ދުވުމުން، ވަސް އަންނަ ދިމާ ފާހަގަކުރަމުން ބަލަމުން ގޮސް އެ ގަހުގެ ކައިރިއަށް ހިނގައްޖެއެވެ. އެ ތަނަށް ގޮސް، ކޮއްތު ޕެކެޓްތައް ބަހައްޓާފައި ހުރި ބާގަނޑަށް ބޯބާނައިގެން ކާން ފަށައިފިއެވެ. ހިޔަޅު ހައިވެފައި ހުރިވަރުން، ބާގަނޑަށް އެއްވެސް އުނދަގުލެއްނެތި އެސޮރުގެ ފަހަތު ދެފައި ފިއަވައި މުޅި ހަށިގަނޑު އެއްކޮށް ވަދެވިއްޖެއެވެ.
ހިޔަޅު އެހެން އޮވެ، ބަކަރިގޮވިން ގެނެސްފައި ހުރި، އެމީހުންގެ މެންދުރު ކޮއްތު އެއްކޮށް ކައި ހުސްކޮށްލައިފިއެވެ. މިވަރަށް ކެއުމުގެ ސަބަބުން، ބަނޑުގެ ދެފަރާތު ކޮލިމަތި ބޮޑުވެ އެ ބާގަނޑުން ބޭރުވެވޭ ގޮތެއް ނުވިއެވެ. ބޭރަށް ނުކުންނަށް ހިފާއިރަށް ބާގަނޑުގައި ބަނޑު ތާށިވަނީއެވެ. ކުޑައިރުކޮޅެއް ވީތަނާ، ބަކަރިގޮވިން ކޮއްތު ޕަކެޓްތައް ނަގަން އެ ތަނަށް އަތުވެއްޖެއެވެ. އެ މީހުންނަށް ހިޔަޅު އެ ތަނުގައި ތާށިވަފައި އޮއްވައި ފެނުމުން، އެންމެންވެގެން ހެސްކިޔާފައި ހިޔަޅުގެ ގައިގައި ތަޅައި އަނިޔާކޮށްފިއެވެ. ހިޔަޅަށް ޖެހުނީ ގުޑިވެސްނުލެވި އަނިޔާއަށް ކެތްކޮށްގެން އޮންނާށެވެ. އާޚިރުގައި ލިބުނު އަނިޔާއާ ވޭން މާ ބޮޑުވެއްޖެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...