ކުޑަކުދިން ލޯފަންމީހާ އާއި ދިއްލާފައި ވާ ބައްތި!

ލޯފަންމީހާ އާއި ދިއްލާފައި ވާ ބައްތި!

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އެއްދުވަސްވަރަކު، ވަރަށް މީސްކޮޅުމަދު، ކުޑަ އަވަށެއްގައި ލޯފަންމީހަކު ދިރިއުޅުނެވެ. އޭނާ ރޭގަނޑު ގެއިންބޭރަށް ނުކުންނަ ކަމުގައި ވާ ނަމަ، ދިއްލާފައި ހުރި ބައްތިއެއް ހިފައިގެން ނޫނީ ބޭރަކަށް ނުދެއެވެ.

ވަރަށް އަނދިރި ރެއެކެވެ. ކޮންމެވެސް ކަމަކާ އޭނާ ގެއިން ބޭރަށްދާން ޖެހިއްޖެއެވެ. އެހެންކަމުން،  އޭނާ ހިފައިގެންދާ ބައްތި ދިއްލައިގެން އެ ބައްތި އެއްއަތުން ހިފައިގެން ގެއިން ބޭރަށް ނުކުމެއްޖެވެ. ލޯފަންމީހާ އެދާތަނަކަށް ދިއުމަށް ހިނގަމުންދިއަ މަގުން، އެހެން ދެތިން މީހަކުވެސް އެވަގުތު ދިއައެވެ.

އެ މީހުންނަށް މި ލޯފަންމީހާ ފެނުމުން އޭނާއާ މައްލަވަކުރަން ފަށައިފިއެވެ. އެމީހުން ބުނެފިއެވެ.” އޭ! ލޯފަންމީހާއެވެ! ދިއްލާފައި ހުރި ބައްތިއެއް ހިފައިގެން ކަލޭ ތިދަނީ ކީއްކުރަން ކޮންބޭނުމަކު ހެއްޔެވެ؟ ކަލެއަކީ، ދެ ލޮލަށް ނުފެންނަ މީހެކެވެ. ކަލެއަށް އެއްވެސް އެއްޗެއް އަދި ތަނެއްވެސް ފެންނާނީކީ ނޫނިއްޔާއެވެ! ތިއައީ ކުރަން ކޮންބޭނުމެއް ހުރި ކަމެއްހެއްޔެވެ؟”

ވަރަށް އިޙްތިރާމާއެކު އެމީހުންނަށް ޖަވާބުދެމުން ލޯފަންމީހާ ބުނެފިއެވެ.”ތިޔައީ ވަރަށް ބޮޑު ތެދެކެވެ. އަހަރެން މި ބައްތި ދިއްލައިގެން ހިފައިގެން މިދަނީ އަހަރެންނަށް އަލިކުރާކަށް ނޫނެވެ. ލޮލަށް ފެނުމުގެ ނަޞީބު ލިބިފައި ވާ މީހުންނަށް އަލިކުރުމަށެވެ. އެހެނީ، އަހަރެން އަންނަތަން އެމީހުންނަށް ނުފެނި،  އަންނަގޮތަށް އައިސް އަހަރެންގެ ގައިގައި ޖެހިގަނެދާނެ ކަމަށްޓަކައެވެ.” ލޯފަންމީހާ އެހެން ބުނުމުން، އެމީހުންނަށް ބުނެވުނު ބަހާމެދު ލަދުވެތިވެ، އޭނާގެ ފަރާތުން މަޢާފަށް އެދިއްޖެއެވެ.

ތިބާގެ ދުލުންބަހެއް ބޭރުކޮށްލުމުގެ ކުރިން ވިސްނައިލުމަކީ ވަރަށް މުހިންމު ބޭނުންތެރިކަމެކެވެ. އަނެކާގެ ފުށުގައިހުރި ނުކުޅެދުންތެރިކަމަކަށް މަލާމަތް ރައްދުވާނެ ބަސްތައްބުނެ، މައްލަވަކުރުމަކީ އެއްގޮތަކަށް ވެސް ކޮށްގެންވާނެ ކަމެއްނޫނެވެ. އެފަދަ ފަރާތްތަކަށް، ކުޅެދޭ މީހުން މަދަދުވެރިވާން ޖެހޭނެއެވެ. އޯގާތެރިކަން އިސްކުރަންޖެހެއެވެ. އެކަމުގެ ހެޔޮދަރުމަ އާއި ޘަވާބު މާތް ﷲ ދެއްވާނެތެވެ.

ޓެގް

ހިތްފަހި ޢިބްރަތްތެރިވާހަކަ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.