ޅެން ބިންވަޅު ނަގާ ހިތުގައި ވަނީ

ބިންވަޅު ނަގާ ހިތުގައި ވަނީ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

    މިހިތުގެ ގިލަން ހިތި ކަރުނައިން، ހުރެ ފައިބަމުން އަދު ވަކިވަނީ

                  މިހިތުން ނިކަން ހިނިތުންވެފައި، ހުއްޓަސް ލޮލުން ހަމަ ހުސްވަނީ

   އުދަރެސް ވަށާ ބައްދާލި ކަޅު، ތޫފާނަކުން މިންޖެއް ނެތޭ

                 އުދަވާނެ ހަނދު ދެކިލާނެ އަދު، ފުރުޞަތު މަށަށް ހަމަ ގެއްލެނީ

   ގަދަކަނޑު ތެރޭ ފީނާ ފަތާ، އައްސޭރި އެއް ފެންނަން ނެތޭ

                ގަދަފަދަ މިއީ އިންސާނެކޭ، އެހެނަސް މިއަދު ބަލިކަށި ވަނީ

   ވިންދާ އެކީ ފުނޑުކޮށް އެލީ، މުޅި ދިރިއުޅުން އާބާދު ކުރި

                ބިންގަނޑު އެކީ ގުޑުވާލި ފަދަ، ވިހަގަދަ އެހާ ބަސްތައް ބުނީ

  މަޖުބޫރު ވީ  ނަމަވެސް އެކަން އިހުސާސުވީ މީހެއް ނެތޭ

               މަޖުބޫރަކުން ޖައްސާ ފެޔަށް، އޮޅުމެއްތެރޭ  ދުރުކޮށްލަނީ

    މަހުރޫމުވީ ފުންލޯތްބަކުން، ރަހުމާ ކުލުނު އޮޅުވާލުމުން

                  ރަޙުމަތްތެރިން ނޫޅޭ މިތާ، ހިތް ހަރުވެ އަދު  ގޮތްހުސްވަނީ

  ނަފުރަތު ކުރީ ވަކިކޮން ކުށެއް،  ކޮށްގެން މިތާ އަންގާލަދީ

               ދެފުށުން ބަލާ ސީދާ ސަބަބު،  ބޭނުންނުވޭ އަންގާލަނީ

   ވިސްނާލިޔަސް އުފެދޭ ރިހުން، މޭގާ މަގޭ ނުފިލާހުރޭ

               ގިސްލާ ރުއިން ބާކީވުމުން، ހިތްދަތި ވަމުން މިހަޔާތްދަނީ

      ހެޔޮވާނެތޯ  ވޭނީ ޒަހަމް،  ދޭންހަމަ ކަލާ  އޮޅުމެއްތެރޭ

               ވެޔޮލާ ހެދޭ ވިހަ ތޫނުކަން، ހަށިގަނޑު ތެރޭ  ވަކިހިތްޕަނީ

    ހީވޭ މޮޅިން ސާލެއް އޮޅާ، ކަފުނަށް ހަށިން ދީފާނެޔޭ

                  ނީވޭ އަޑެއް ފެންނަން ނެތޭ، ރުހުމުގެ ލޮލުން ބިރުހީވަނީ

        ހަފިލާ ވަށާ ސަންދޯކަށޭ، ލާންވީ މިހިތް ފޮތިކޮށް ކޮށާ

                 ނުފިލާނެ ދޯ ދިން ހިތި ޒަހަރު، ކަރުބުޑުގަޔޭ ހަރުލާވަނީ

    ފަރުވާއެކޭ  ދޭނޭ ޝިފާ، އޯގާ އަތުން ހީކޮށްހުރިން

                މަރުވާނެ ހިތް ޗިސްކޮށްލުމުން، ނޭވާ ހަށިން ދޫކޮށްދަނީ

    ގަސްތެއްނެތޭ ހިތުގައި މަގޭ، އަލަކުން ލިބުން އަނިޔާ ތެދޭ

                ފަސްނޭޅިޔަސް ވޭނާ ސަޒާ، އަނިޔާތަކުން އެހަނދާންވަނީ

     ދުރުކޮށް ލިޔަސް ތިޔަހެން ކަލާ، ހުންނާނަމޭ އެހަނދާނުގައި

                ދުރުވާން ނެތިން އަމުދުން މަށެއް، ގަދަބާރަކުން ރޫޅާލަނީ

     ހަނދުވަރު ތެރޭ ހިނިތުންވަމުން، މިތުރާ ހަށިން ދިންހާ އުފާ

               ހަނދުވާނެ ހެކި ކުރިހާ ވައުދު،  ބިންވަޅު ނަގާ ހިތުގައިވަނީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.