ގުލްޒާރުގައި ފަރިވާމަލުން، ހިނިތުންވަމުން ރޯޝަންކުރީ
ބުލްބުލްތަކާ، އެކިދޫނިތައް ފެނުމުން ހިތަށް އަސަރޭކުރީ
މެހިފިލްގެ ރާނީއޭ ތިއީ، ހަނދުފަދަ އެހާ ޗާލޭ ކަލާ
ޖެހިލާގޮތުން ފިނިރޯޅިތައް، މަންޒިލް ދުރުން އާދޭސްކުރީ
ހަންހާރަވީ މިތުރާ މަގޭ، ދެކިލާނެ ފުޞުރަތު ފަހިކުރީ
ރަންހަނދުވަރުން ބައްދަލުވުމަށް، ކެނޑިނޭޅި ހަމަ ހިތްވަރުކުރީ
ފަރިޔާދުކުރި ހިތް މޭތެރޭ، ގިސްލާ ރޮނީ ކަރުނުން ފުރާ
މަރިޔާދުވީ ފޮނި މަންޒަރުން، އެހަނދާންތަކުން މާޔޫސްކުރީ
ހިތުގައި އަނދާ ގިންޏާއެކީ، ލިބެމުންދަނީ ވޭނީ ޒަޙަމް
މިތުރާ ނިކަން ވީގޮތް ދުލުން، އަންގާ ނުދީ ޝަކުވާކުރީ
ފެނިގެން މަލެއް ވަކި ގުލްޝަނުން، ދޫކޮށް ނުދާނަން ކަށަވަރޭ
ފިނިފެންމަލެއް ފަދަ ލޯބިވާ، މޭގައިވި ހިތް ޤުރުބާންކުރީ
ކޮމެންޓް (0)
ލޯޑް ކުރަމުން...