ބުއްދީގެ ނިޢުމަތަކީ އިންސާނާއަށް ﷲ ދެއްވާފައިވާ އެންމެ މަތިވެރި ނިޢުމަތެވެ. ބުއްދިއަކީ ﷲ ތަޢާލާ ވޮޑިގެންވާކަމުގެ ވަރަށް މަތިވެރި ދަލީލެކެވެ. އަދި އެއީ ﷲ ގެ މަތިވެރިކަމާއި ކުޅަދުންވަންތަކަން ރަމްޒުކޮށްދޭ ނިޝާނެކެވެ. ބުއްދިވެރިކަމަކީ އިންސާނާ ބާއްޖަވެރިކަމުގެ ތަޅުދަނޑިއެވެ.
މިއަދު އެކި ރޮނގުތަކުން އިންސާނުން ކުރިއަރައި، މީގެ ކުރިން އިންސާނުން ދެކެފައިނުވާ ޢިލްމީ ޢާލަމެއް އިންސާނުން ދެކެމުން މިދަނީ ބުއްދީގެ އަލީގައިކަން ކަށަވަރެވެ. އަދުގެ ދުނިޔެ ދެކެމުން މިދާ އަޖައިބުން ފުރިގެންވާ ޢިލްމީ ވަޞީލަތްތައް އުފެއްދީ ނިކަމެތި އިންސާނާގެ ބުއްދިއެވެ. އިންސާނުންގެ ބުއްދި އުފެއްދެވީ މަތިވެރިވެގެންވާ ޢާލަމްތަކުގެ ވެރި ﷲ ތަޢާލާއެވެ.
ދާދިފަހުން އުފެއްދި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) މޮޑެލްތަކަކީ ތަސްވީރުތައް ދެނެގަނެ، އިންސާނުންގެ ވާހަކަ ދެކުމާއި އެއްގޮތަށް ވާހަކަ ދެކުމުގެ އިތުރުން ތަފާތު ގިނަ ކަނކަން ކުރުމުގެ ކުޅަދާނަކަން ލިބިފައިވާ ކާމިޔާބު މޮޑެލްތަކެކެވެ. އެކަމަކު އަދިވެސް ސައިންސް ވެރިންނާއި، ޑިވޮލޮޕަރުން ޤަބޫލުކުރާ ޙަޤީޤަތަކީ އެފަދަ ނިއުރަލް ނެޓްވޯކްސް ތަކަކީ އިންސާނުން ފަދައިން ވިސްނާ ނުވަތަ ވިސްނޭ އެއްޗެއް ނޫންކަމެވެ.
އިންސާނުންނަށް ދުނިޔެ ވިސްނޭ ގޮތާއި ވިސްނާ ގޮތް ދިރާސާކުރާ ކުރައްވާ ބޭފުޅުން ވިދާޅުވާ ގޮތުގައި އޭއައި ނިޒާމުތަކުން “ވިސްނޭ ގޮތާއި” ދަސްކުރާ ގޮތަކީ އިންސާނުން ނަން ލިބިފައިވާ ޤާބިލްކަމާއި، ހުނަރުވެރިކަމާއި އަޅާ ގާތްވެސް ކޮށްލެވޭ ވަރުގެ ގޮތެއް ނޫނެވެ.
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަށް ލިބުނު ތަރައްގީތަކުގެ ސަބަބުން އިންސާނާ ފަދަ ސުލޫކުތައް ކުރިއަށް ގެންދެވޭނެ ނިޒާމުތަކެއް އެ ސިސްޓަމްގައި އުފެދިފައިވެ އެވެ. އެގޮތުން ބަހުގެ މޮޑެލް ޖީޕީޓީ-3 އިން އިންސާނާގެ ވާހަކަ ދެއްކުމުން ލިޔުންތައް އުފައްދައެވެ. ނުވަތަ އޭއައިއަށް އަޑުއިވޭ ގޮތަށް ޓައިޕްކުރެއެވެ.
އެންމެ ފަހުން ގޭޓޯގެ ނަމުން މަޝްހޫރު ޖެނެރަލް ޕާޕަސް އޭއައިއެއް ތަރައްގީކޮށްފައިވާއިރު، އެއިން އެތައް ސަތޭކަ މަސައްކަތެއް ކުރެވޭނެ އެވެ. އަދި ޑަލް-އީ އަކީ ޓެކްސްޓް ޑިސްކްރިޕްޝަނަކުން ބަދަލުކޮށްފައިވާ ތަސްވީރުތަކާއި އާޓްވޯކް އުފެއްދުމަށް ތަމްރީނު ލިބިފައިވާ ނިޒާމެކެވެ.
މިފަދަ ކުރިއެރުންތަކެއް މި ސިސްޓަމަށް ލިބެމުންދާއިރު، ގޫގުލްގެ އޭއައި ކުންފުނި ޑީޕްމައިންޑްގެ ދިރާސާވެރިއެއް ކަމަށްވާ ނަންޑޯ ޑި ފްރެއިޓާސް ވިދާޅުވާ ގޮތުގައި މިހާތަނަށް ތަރައްޤީ ކުރެވިފައި ހުރި މޮޑެލްތައް ސްކޭލް ކުރުމުން އިންސާނާކާ އެއް ފެންވަރުގެ އާޓިފިޝަލް އިންޓެލިޖެންސް އުފެއްދި ދާނެކަމަށް ޤަބޫލުކުރެވެއެވެ.
ގޫގުލްގެ ދިރާސާ ވެރިޔާ މިފަދައިން ބުނި ނަމަވެސް އޭއައި އާއި އިންސާނުން ވިސްނާ ގޮތާއި ދަސްކުރާ ގޮތާ ދެމެދު ބޮޑެތި މުހިންމު ބައެއް ތަފާތުތަކެއް އަދިވެސް ހުރި ކަމަށާއި، އިންސާނަކާ އެއްފެންވަރެއްގެ އޭއައިއެއް އުފެއްދިދާނެކަމާމެދު ސައިންޓިސްޓުންގެ އެއްވެސް ޔަޤީންކަމެއް ލިބިފައި ނެތްކަމަށް ގިނަ ދިރާސާވެރިން ބުނެފައިވެއެވެ.
ނިއުރަލް ނެޓްސް އާއި އިންސާނާގެ ސިކުނޑި
އެންމެ ފަހުގެ އޭއައި ބިނާކޮށްފައިވަނީ އާޓިފިޝަލް ނިއުރަލް ނެޓްވޯކްސް ނުވަތަ ކުރުކޮށް ބުނާނަމަ “ނިއުރަލް ނެޓްސް” އިންނެވެ. “ނިއުރަލް” މި ލަފުޒު ބޭނުންކޮށްފައިވަނީ މި ނެޓްވޯކްތަކަކީ އިންސާނާގެ ސިކުނޑިން އިންސްޕަޔަރ ކުރެވިފައިވާ ނެޓްވޯކްތަކަކަށް ވާތީ، ނިއުރޯން ކިޔާ ބިލިއަން ސެލްތަކުން އެކަތި އަނެކައްޗާ އޮންނަ ގުޅުންތަކުގެ ކޮމްޕްލެކްސް ވެބްތައް އުފައްދައި، އެ ސެލްތަކުން ކުރިއަށް ފަހަތަށް ސިގްނަލްތައް ފޮނުވާއިރު މައުލޫމާތު ޕްރޮސެސް ކުރާތީއެވެ.
ނިއުރަލް ނެޓްސް އަކީ ބަޔޮލޮޖީގެ ވަރަށް ފަސޭހަ ވަރޝަނެކެވެ. ހަގީގީ ނިއުރޯނެއްގެ ބަދަލުގައި ސާދާ ނޯޑެއް ގެނެސް، ނޯޑްތަކުގެ މެދުގައިވާ ގުޅުމުގެ ވަރުގަދަކަން ދައްކުވައިދެނީ “ބަރުދަން” ކިޔާ އެއް ނަންބަރަކުންނެވެ.
މިދެންނެވި ނޯޑްތައް ފަށަލަތަކަށް ސްޓޭކްކޮށްފައި ހުރުމުން، ނިއުރަލް ނެޓްތައް ތަމްރީނުކޮށްގެން ޕެޓަރންތައް ދެނެގަނެ، ކުރިން ފެނުނު ގޮތާ އެއްގޮތް ނުވަތަ ތަފާތު ސްޓިމިއުލްތަކަށް “ޖެނެރަލައިޒް” ކުރެވިދާނެއެވެ. ފަސޭހައިން ބުނާނަމަ، ޖެނެރަލައިޒޭޝަން އަށް ނިސްބަތްވަނީ އޭއައި ސިސްޓަމަކަށް ވަކި ޑޭޓާއަކުން ދަސްވެފައިވާ އެއްޗެއް ނަގައިގެން އާ ޑޭޓާތަކަށް އަމަލުކުރުމުގެ ޤާބިލުކަމެވެ.
ސިފަތައް ދެނެގަނެ، އުސޫލުތައް ދެނެގަނެ، ނަތީޖާތަކުން ޖެނެރަލައިޒް ކުރެވޭނެ ގޮތް ހެދުމަކީ ނިއުރަލް ނެޓްތަކުގެ ކާމިޔާބީގެ މައިގަނޑު އެއް ކަމެކެވެ. އަދި މިފަދަ މަސައްކަތްތަކަށް އިންސާނުން ބޭނުންކުރާ އުކުޅުތައް ނަކަލުކޮށްދެއެވެ. އެހެނަސް މުހިންމު ތަފާތުތަކެއް އެބަހުއްޓެވެ.
ނިއުރަލް ނެޓްތައް އާންމުކޮށް ތަމްރީނު ކުރެވެނީ “ސުޕަރވައިޒްޑް ލާރނިންގ” އިންނެވެ. އެހެންކަމުން އެމީހުންނަށް އިންޕުޓަކާއި ބޭނުންވާ އައުޓްޕުޓެއްގެ ގިނަ މިސާލުތަކެއް ހުށަހަޅައި، ދެން މަޑުމަޑުން ކަނެކްޝަން ވެއިޓްތައް އެޖެސްޓްކޮށް ނެޓްވޯކުން ބޭނުންވާ އައުޓްޕުޓް އުފެއްދުމަށް “ދަސް” ކުރެވެންދެން އެޖެސްޓް ކުރެވެއެވެ.
މިއީ އިންސާނުން އާންމުކޮށް ދަސްކުރާ ގޮތާ ވަރަށް ތަފާތު ކަމެކެވެ. އިންސާނާގެ ގިނަ އުނގެނުމަކީ “އަންސުޕަރވައިޒްޑް” އުނގެނުމެއް ކަމުގައި ވާއިރު، އޭގެ މާނައަކީ ދީފައިވާ ސްޓިމިއުލަސްއަކަށް ދޭ “ރަނގަޅު” ޖަވާބަކީ ކޮބައިކަން އަޅުގަނޑުމެންނަށް ސާފުކޮށް ނުބުނެވޭނެއެވެ.
މިސާލަކަށް ކުދިންނަށް ވާހަކަ ދައްކާނެ ގޮތުގެ އިރުޝާދު ނުދީ، އެކަމަކު މިކަން އެކުދިން ދަސްކުރަނީ ބޮޑެތި މީހުންގެ ވާހަކަ ދެއްކުމާއި، ނަކަލުކުރުމާއި، ފީޑްބެކްގެ ކޮމްޕްލެކްސް ޕްރޮސެސްއެއްގެ ތެރެއިންނެވެ.
އިންސާނުންނާއި، އޭއައިގެ އަނެއް ތަފާތަކީ އޭއައި ތަމްރީނު ކުރުމަށް ބޭނުންކުރާ ޑޭޓާގެ ޝީއާ ސްކޭލް އެވެ. ޖީޕީޓީ-3 މޮޑެލް ތަމްރީނުކޮށްފައިވަނީ 400 ބިލިއަން ބަހުގެ މައްޗަށް ކަމަށާއި، ގިނައީ އިންޓަނެޓުން ނަގާފައިވާ ބަސްތައް ކަމުގައި ޑިވެލޮޕަރުން ހާމަކޮށްފައިވެއެވެ. މިނިޓަކަށް 150 ލަފުޒުގެ ރޭޓުން އިންސާނަކަށް މިހާ ގިނަ ލިޔުން ކިޔުމަށް ގާތްގަނޑަކަށް 4000 އަހަރު ނަގާނެ އެވެ. މިފަދަ ހިސާބުތަކުން ދައްކާ ގޮތުގައި އިންސާނުންނަށް އޭއައި އިން ދަސްކުރާ ގޮތަށް ދަސް ނުކުރެވޭނެއެވެ.
އަދި މިއަށްވުރެ އަސާސީ ތަފާތަކީ ނިއުރަލް ނެޓްތަކުން ދަސްކުރާ ގޮތެވެ. އެދެވޭ ޖަވާބަކާ ސްޓިމިއުލަސް އެއް މެޗް ކުރުމަށްޓަކައި، ނިއުރަލް ނެޓްތަކުން “ބެކްޕްރޮޕެގޭޝަން” ކިޔާ އެލްގޮރިޒަމެއް ބޭނުންކޮށްގެން ނެޓްވޯކް ތެރެއިން ގޯސްތައް ވަކިކޮށް ސްކޭލް ހަމަ ކޮށް ރަނގަޅަށް އެޖެސްޓް ކުރުމުގެ ޤާބިލްކަން ލިބިފައިވުމެވެ.
އޭގެ ބަދަލުގައި އިންސާނުން ދަސްކުރަނީ ސްޓްރަކްޗަރޑް މެންޓަލް ކޮންސެޕްޓްތައް ހަދައިގެން ކަމަށާއި، އެ ކޮންސެޕްޓްތަކުގައި ތަފާތު އެތައް ޕްރޮޕަޓީތަކާއި ވައްތަރު ތަކެއް އެއްކޮށް ގުޅިފައިވެއެވެ. މިސާލަކަށް އަޅުގަނޑުމެންގެ މޭވާއެއް ކަމުގައިވާ “ދޮންކެޔޮ” ގެ ކޮންސެޕްޓްގައި އޭގެ ބައްޓަމާއި، ރީނދޫ ކުލައާއި، އެއީ މޭވާއެއްކަން އެނގުމާއި، އެ މޭވާ ހިފަހައްޓާނެ ގޮތާއި، މިހެންގޮސް އޭގެ އެތައް ސިފަތައް ހިމެނެއެވެ.
އަޅުގަނޑުމެންނަށް އެނގިފައިވާ ގޮތުގައި، އޭއައި ސިސްޓަމްތަކުން މިގޮތަށް ކޮންސެޕްޗުއަލް ނޮލެޖް އުފެދިގެން ނުދެއެވެ. އޭއައި މުޅިން ބަރޯސާވެފައިވަނީ އޭގެ ތަމްރީނު ޑޭޓާއިން ކޮމްޕްލެކްސް ސްޓެޓިސްޓިކަލް އެސޯސިއޭޝަންތައް ނެގުމާއި، ދެން މިކަންކަން އެއްގޮތް ކޮންޓެކްސްޓްތަކަށް އަމަލުކުރުމަށެވެ.
އިންސާނުން ދަސްކުރާ ގޮތާއި، ވިސްނޭ ގޮތާއި، ވިސްނާ ގޮތާ ބެހޭގޮތުން އަދިވެސް އަޅުގަނޑުމެންނަށް ނޭނގޭ ގިނަ ކަންތައްތަކެއް އެބަހުއްޓެވެ. ނަމަވެސް އަޅުގަނޑުމެންނަށް އެނގޭ އެއްޗަކުން ދޭހަވަނީ އިންސާނުން މި މަސައްކަތްތައް ކުރަނީ އޭއައި ސިސްޓަމްތަކާ ވަރަށް ތަފާތު ގޮތަކަށް ކަމެވެ.
އެގޮތުން، ގިނަ ދިރާސާވެރިން ގަބޫލުކުރާ ގޮތުގައި، އިންސާނުން ފަދައިން ހަގީގަތުގައި ވިސްނާ ދަސްކުރާ މެޝިންތައް އުފެއްދުމުގެ ކުރިން، އާ ގޮތްތަކެއް، އަދި އިންސާނާގެ ސިކުނޑި މަސައްކަތްކުރާ ގޮތުގެ އިތުރު އަސާސީ ވިސްނުމެއް މިވަނީ ތަރައްޤީ ކުރަން ޖެހިފައެވެ. އަދި މިހާތަނަށް ހޯދިފައިވާ ތިއަރީތަކާއި، ދިރާސާތަކުން އިންސާނެއްގެ ސިނކުޑިއާއި އަޅާ ގާތްކޮށްލެވޭ ވަރުގެ ވިސްނުމެއްވެސް ނިއުރަލް ސިސްޓަމްތަކަށް ލިބިގެން ނުވެއެވެ.
ދަ ޔުނިވަރސިޓީ އޮފް މެލްބަންގެ ކޮގްނިޓިވް ނިއުރޯސައިންސްގެ ޕީއެޗްޑީ ކެންޑިޑޭޓް ޖޭމްސް ފޯޑޯރ ލިޔުއްވާފައިވާ މި ލިޔުމަކީ ކްރިއޭޓިވް ކޮމަންސް ލައިސަންސްގެ ދަށުން ދަ ކޮންވާޝަން އިން އަލުން ޝާއިޢުކޮށްފައިވާ ލިޔުމެކެވެ.
މިލިޔުމުގެ އަސްލު ލިޔުން ކިޔާލަން ބޭނުން ނަމަ މިލިންކަށް ވަންނަވާށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...