އެމެރިކާގެ ލީޑަރުގެ ހައިސިއްޔަތުން މެދުއިރުމަތީގެ ފުރަތަމަ ދަތުރުފުޅުގައި އެމެރިކާގެ ރައީސް ޖޯ ބައިޑަން ސައުދީ އަރަބިއްޔާއަށް ވަޑައިގެންނެވީ ހުކުރު ދުވަހު އެވެ.
ހުކުރު ދުވަހު ހަވީރު ޖިއްދާގައި ދެއްކެވި ވާހަކަފުޅުގައި ބައިޑަން ވިދާޅުވީ ސަލްމާން ރަސްގެފާނާއި ވަލީއަހުދު މުހައްމަދު ބިން ސަލްމާނާ އެކު “މުހިންމު މަޝްވަރާތަކެއް” ކުރައްވާފައިވާ ކަމަށެވެ.
ޔަމަނު ސްޓޭބަލައިޒް ކުރުމުގައި ސައޫދީ އަދާކުރި ދައުރާއި އދ.ގެ ބްރޯކަރޑް ކޮށްގެން ހަނގުރާމަ ހުއްޓާލުމަށް ތާއީދު ކުރެއްވި ކުރެއްވުމަށް ތައުރީފު ކުރައްވައި ބައިޑަން ވިދާޅުވީ ސައުދީ ލީޑަޝިޕާ އެކު އެމެރިކާ އެއްބަސްވީ އެކަން ކަމަށް ރިޢާޔަތްކޮށް ކަމަށެވެ.
ބައިޑަން އިއުލާން ކުރެއްވި ގޮތުގައި ޓިރާން އާއި ސަނަފިރުގައި ތިބި ސުލްހަވެރިކަން ބެލެހެއްޓުމުގެ ބާރުތައް މަގާމުން ވަކިވާނެ ކަމަށާއި އެއީ އިންވެސްޓްމަންޓްތަކާއި ފަތުރުވެރިކަމަށް ޖަޒީރާތައް ތަރައްގީ ކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ.
އޭނާ އިތުރަށް ވިދާޅުވީ ސައުދީ އަރަބިއްޔާގެ ސަލާމަތީ ބޭނުންތަކާއި ދުނިޔޭގެ ހަކަތައާ ބެހޭ މައްސަލަތަކާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރެވުނު ކަމަށާއި އޭގެ ތެރޭގައި ސާފު ހަކަތައާ ބެހޭ ގޮތުން ކުރިއަށް ގެންދާ ކަންކަމުގައި އެއްބާރުލުން ދިނުން ހިމެނޭ ކަމަށެވެ.
ބައިޑެން މެދުއިރުމައްޗަށް ކުރެއްވި ހަތަރު ދުވަހުގެ ދަތުރުފުޅުގެ ތެރެއިން ތިން ވަނަ ދުވަހު ރަތް ކަނޑުގެ ބަނދަރު ސިޓީ ޖިއްދާގެ ކިންގް އަބްދުލްއަޒީޒް އިންޓަނޭޝަނަލް އެއާޕޯޓަށް ބައިޑަން ވަޑައިގެންނެވިއިރު، އެތަނުން މައްކާގެ ގަވަރުނަރު ޕްރިންސް ޚާލިދު އަލް ފައިސަލް އާއި އެމެރިކާގައި ހުންނަވާ ސައުދީ ސަފީރު ވަނީ އޭނާއާ ބައްދަލުކުރައްވާފަ އެވެ.
އެއަށްފަހު ރަސްގެފާނާ ބައްދަލުކުރައްވައި، ސައުދީ އަރަބިއްޔާއާއި އެމެރިކާއާ ދެމެދު އޮތް ތާރީހީ ގުޅުންތަކާއި އެކި ދާއިރާތަކުން ދެ ގައުމުގެ މަސްލަހަތަށް ހިދުމަތް ކުރުމަށް އެ ގުޅުން ހަރުދަނާ ކުރެވޭނެ ގޮތްތައް މުރާޖައާ ކުރެއްވި ކަމަށް ސައުދީގެ ރަސްމީ ޕްރެސް ނިއުސް އެޖެންސީން ބުނެ އެވެ.
އިސްރާއީލުގެ އޮފިޝަލުންނާ ބައްދަލުކޮށް ފުރަތަމަ ދެ ދުވަސް ހޭދަކުރައްވައި ހުކުރު ދުވަހު ހުޅަނގު އައްސޭރިއަށް ދަތުރުކުރައްވައި ފަލަސްތީނުގެ އޮތޯރިޓީގެ ރައީސް މަހުމޫދު އައްބާސް އާއި އެހެން ބޭފުޅުންނާ ބައްދަލުކުރެއްވުމަށް ފަހު ސައުދީ އަރަބިއްޔާއަށް ދަތުރުކުރެއްވި އެވެ.
އަދި އަލްސަލާމް ޕެލަސްގައި ވަލީއަހުދު މުހައްމަދު ބިން ސަލްމާނާ ބައްދަލުކުރައްވައި ބައިޑަން ވަނީ ގިނަ ދާއިރާތަކުން ދެ ގައުމުގެ އެއްބާރުލުން ދިނުމާއި ސަރަހައްދީ އަދި ބައިނަލްއަގްވާމީ ގޮންޖެހުންތަކާ ކުރިމަތިލާނެ ގޮތްތަކާ ބެހޭ ގޮތުން ވެސް މަޝްވަރާކޮށްފަ އެވެ.
މި މަޝްވަރާތަކުގައި މިނިސްޓަރ އޮފް އެނާޖީ ޕްރިންސް އަބްދުލްއަޒީޒް ބިން ސަލްމާނާއި މިނިސްޓަރ އޮފް ސްޕޯޓްސް ޕްރިންސް އަބްދުލްއަޒީޒް ބިން ސައުދު ބިން ނާއީފާއި މިނިސްޓަރ އޮފް އިންޓީރިއާ ޕްރިންސް އަބްދުލްއަޒީޒް ބިން ސައުދު ބިން ނާއިފް އާއި އެމެރިކާގެ ސައުދީ ސަފީރު ރީމާ ބިން ބަންޑާރާއި ފޮރިން މިނިސްޓަރު ޕްރިންސް ފައިސަލް ބިން ފަރުހާން ބައިވެރިވެވަޑައިގެންނެވި އެވެ. އޭގެ އިތުރުންވެސް ގިނަ އަދަދެއްގެ އިސް އޮފިޝަލުން އެބައްދަލު ކުރެއްވުމުގައި ބައިވެރިވެ ވަޑައިގެންނެވި އެވެ.
މި ބައްދަލުވުމުގައި އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓޯނީ ބްލިންކެން އާއި ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ޖޭކް ސުލިވާންގެ އިތުރުން ޔަމަނަށް ހުންނަވާ އެމެރިކާގެ މަންދޫބު ޓިމް ލެންޑަރކިންގް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ބައިޑެން އެނބުރި ވޮޝިންޓަނަށް ވަޑައިގަތުމުގެ ކުރިން ގަލްފް ކޯޕަރޭޝަން ކައުންސިލް ކަމަށްވާ ބަހްރެއިން، ކުވައިތު، އޮމާން، ގަތަރު، ސައުދީ އަރަބިއްޔާ އަދި ޔޫއޭއީގެ ލީޑަރުން ހޮނިހިރު ދުވަހު ބާއްވާ ޖަލްސާއެއްގައި ބައިޑެން ބައިވެރިވެވަޑައިގަންނަވާނެ އެވެ. އަދި މެދުއިރުމަތީގެ އަވަށްޓެރި ގައުމުތައް ކަމަށްވާ މިސްރާއި އިރާގާއި އުރުދުންގެ ލީޑަރުން ވެސް އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވަ އެވެ.
ސައުދީ ލީޑަޝިޕުން އިސްރާއީލުގެ މަތިންދާބޯޓުތަކަށް އެގައުމުގެ ވައިގެ ސަރަހައްދު ބޭނުން ކުރުމަށް މަގުފަހިކޮށްދިނީ ހުރިހާ ދާއިރާތަކަށް ހުރި ހުރަސްތައް އުވާލާކަން އިއުލާންކޮށް، މިއީ ތާރީހީ ފިޔަވަޅެއްގެ ގޮތުގައެވެ. ބައިޑަން ވަނީ މި ފިޔަވަޅަށް މަރުހަބާ ކިޔާފައެވެ.
“ސައުދީ އަރަބިއްޔާގެ މި ނިންމުމަކީ ސައުދީ އަރަބިއްޔާއާ އެކު ވެސް އިސްރާއީލު އިތުރަށް މި ސަރަހައްދަށް އިންޓަގްރޭޓް ކުރުމަށް މޮމެންޓަމް ބިނާކުރުމަށް އެހީތެރިވެދޭނެ ނިންމުމެއް،” އެމެރިކާގެ ލީޑަރު ވިދާޅުވި އެވެ.
ބައިޑަންގެ މިދަތުރުފުޅުގައި ބޭނުން ކުރެއްވި ފްލައިޓަކީ އިސްރާއީލުން ސީދާ ސައުދީ އަރަބިއްޔާއަށް ދަތުރެއްކުރި ފުރަތަމަ ފްލައިޓެވެ.
މަސްދަރު: (އޭއެފްޕީ އާއި ރޮއިޓާސް )
ކޮމެންޓް (0)
ލޯޑް ކުރަމުން...