ރިޕޯޓް ލަންދޫ “ކުއްޅަވައް އައިސްކްރީމް”، ބައިނަލް އަޤްވާމީ މާކެޓަށް ތަޢާރަފްކުރަނީ

ލަންދޫ “ކުއްޅަވައް އައިސްކްރީމް”، ބައިނަލް އަޤްވާމީ މާކެޓަށް ތަޢާރަފްކުރަނީ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ރާއްޖޭގައި އުފައްދައިގެން ސަތޭކަޕަސަންޓް ދިވެހި ޕްރޮޑަކްޓެއްގެ ގޮތުގައި “ކުއްޅަވައް އައިސްކުރީމް” ފަސްތަރީގެ  ރިސޯޓެއްގެ ސުފުރާމައްޗައް އެރުމަކީ ކޮންމެ ދިވެއްސަކުވެސް އެކަމާ ފަހުރުވެރި ވާނޭކަމެއްކަން ޔަޤީނެވެ.  އަދި އޭގެއިތުރުން ރަށްފުށުގެ ވިޔަފާރިން ފެށިގެން ބައިނަލް އަޤްވާމީ މާކެޓަށް މިފަދަ އުފެއްދުމެއް ނެރެވިގެން ދިއުމަކީ ހުރިހާ ދިވެހިންނަށްވެސް ލިބޭ ވަރަށް ބޮޑު ޝަރަކަށް ނޫނީ ނުވާނެއެވެ.  

މީގެކުރިން އަޅުގަނޑުމެންގެ ކާބަފައިން ކުއްޅަވައް ވިއްކަން ރަށްރަށަށް ގޮސްއުޅުނީ ރުނބައަށް ނުވަތަ ބާސްކެޓްތަކަށް އަޅައިގެން ލޮނުއެޅި ކުއްޅަވަކުގެ ގޮތުގައެވެ. އޭރު ރިޔަލުދޯނީގައި ކައިރި ރަށްރަށަށް ލޮނުއެޅި ކުއްޅަވައް ވިއްކަން ދަތުރުތައް ކުރިއިރު އެމަސައްކަތުން ރަނގަޅު އާމްދީއެއް ނުލިބުނަސް މިއަދު މިވަނީ ޒަމާންބަދަލުވެ އަޅުގަނޑުމެން އުންމީދުކުރި ދުވަސް އައިސްފައެވެ. ރަށުގައި ތިބެގެން ކުއްޅަވަކުން އާމްދަނީ ލިބޭނޭގޮތް ފަހިވެފައެވެ.

ކުއްޅަވަކުގެ އައިސްކްރީމް، މޮހީޓޯ އަދި މިލްކްޝޭކް މިހާރު މިވަނީ އިންޓަނޭޝަނަލް ލެވެލްގައި ފަތުރުވެރިންގެ މާކެޓަށްތަޢާރަފް ކުރެވިފައެވެ. ފަތުރުވެރިންގެ އެންމެ ފޭވަރިޓް ޑެޒާޓަކަށް ކުއްޅަވަކުން އުފައްދާ ބާވަތްތައް މިވަނީ ވެފައެވެ. އަދި ރިސޯޓެއްގެ ސުފުރާމަތިން ބޭރުކޮށް އިންޓަނޭޝަނަލް މާކެޓަށްވެސް މިވަނީ އެ ޕްރޮޑަކްޓްތައް ތަޢާރަފް ކުރުމުގެ މަގުމަތީގައެވެ.  

ނ.އަތޮޅު ކުރެދިވަރު “މޫވެންޕިކް ރިސޯޓް ކުރެދިވަރު” ރިސޯޓް ހިންގާ ކުންފުނި “މޫވެންޕިކް” ރިސޯޓާއި ލަންދޫ ކައުންސިލާއި ގުޅިގެން ކުރިއަށް ގެންދާ މި މެގަ ޕްރޮޖެކްޓްގެ އެއްބަސްވުމުގައި މިހާރު މިވަނީ ދެފަރާތުން ސޮއިކޮށް އިންޕްލިމެންޓް ކުރުމުގެ މަގުމަތީގައެވެ. މޫވެންޕިކްގެ ރިސޯޓްގެ މެއިން ރެސްޓޯރެންޓަށް ކުއްޅަކުގެ އުފެއްދުންތައް މިވަނީ ތަޢާރަފް ކޮށްފައެވެ.

މި ޕްރޮޖެކްޓާއި ބެހޭގޮތުން ލަންދޫ ކައުންސިލްގެ ނައިބްރައީސް އަލްފާޟިލް މަންސޫރު މުޙައްމަދު ނާރެސް މީޑިއާއަށް ދެއްވި އެކްސްކުލޫސިވް އިންޓަވިއުގައި ވިދާޅުވީ މިއީ ވަރަށް ކުރީއްސުރެވެސް އެކިލެވެލްގައި ދެކެވެމުން އަންނަ ވާހަކައެއް ކަމަށާއި، ކުއްޅަވަކުގެ އުފެއްދުންތައް ބާޒާރަށް ނެރުމުގެ ވާހަކަތަކަކީ އެކިއެކި ސަރުކާރުތަކުން ޤައުމީ ލެވެލްގައިވެސް އެކިއެކި ޕްލެޓްފޯމްތަކުގައި ތަފާތު ސިފަސިފައިގައި ދެކެވިފައިވާ ވާހަކަ ތަކެއް ކަމަށެވެ.

“އެކަމަކު މިއަދު މިކަންތައް މިވަނީ އަސްލު ހަޤީޤަތަކަށްވެފައި. މޫވެންޕިކް ރިސޯޓުން މިވަނީ އަޅުގަނޑުމެންނަށް މިމަގު ތަނަވަސް ކޮށްދީފައި. އެފުރުޞަތު ހުޅުވާލަދެއްވާފައި. ލަންދޫން ކުއްޅަވައް މާކެޓް ކުރަން ބޭނުންވާ ކޮންމެ ފަރާތަކަށްވެސް އެފުރުޞަތު އޮންނާނެ. އަޅުގަނޑުމެން ކައުންސިލްގެ ވިސްނުމަކީ މިޕްރޮޖެކްޓްގެ ފައިދާ ސީދާ ރައްޔިތު މީހާގެ ޖީބަށް ވައްދައިދިނުން”. ނައިބްރައީސް މަންސޫރު ވިދާޅުވިއެވެ.

“މިކަމުގައި އެހީތެރިކަން ވެދެއްވި އެންމެބޭފުޅުންނަށް ލަންދޫ ރައްޔިތުންނާއި، ކައުންސިލްގެ ނަމުގައި ޝުކުރު އަދާކުރަން . ޚާއްޞަކޮށް މިކަން ފަހިވެގެން ދިއުމުމުގައި އެންމެބޮޑު އެހީތެރިކަމެއް ވެދެއްވި ފަރާތްތަކަމުގައިވާ މޫވެންޕިކްގައި ވަޒީފާ އަދާކުރައްވާ ލަންދޫ ކަރަންކާވިލާ ޙުސެއިން ޞަބާހް އާއި، މޫވެންޕިކް ރިސޯޓްގެ މެނޭޖްމެންޓާއި، ރިސޯޓްގެ ވެރިންނަށް ޝުކުރު ދަންނަންވަން ” ނައިބްރައީސް މަންސޫރު އިތުރަށް ވިދާޅުވިއެވެ.

ލަންދޫ ކުއްޅަކުން އާމްދަނީ ހޯދޭނޭގޮތް ޒަމާނީ ސްޓައިލަށް ފެތޭނޭގޮތަށް އިންތިޒާމްތައް ހަޖައްސައިދީ ކުއްޅަވަކަކީ ރަނގަޅު ޢާމްދަނީއެއް ހޯދޭނޭ ސިނާޢާތެއް އުފެއްދިދާނެ މޭވާއެއްގެ ގޮތުގައި ބަލައިގަތް “މޫވެންޕިކް ކޮމްޕެނީ”އަކީ ރާއްޖޭގެ އިތުރުން ލަކްޝަދީވް، ޝްރީލަންކާ އަދި ޔޫރަޕާއި، މެދުއިރުމައްޗާއި، އަދި އެފްރިކާގެ ޤައުމުތަކުގައިވެސް އެ ކުންފުނީގެ އެކިއެކި ތަފާތު ވިޔަފާރިތައް ފުޅާކޮށްފައިވާ އިންޓަނޭޝަނަލް ބޮޑު ކުންފުންޏެކެވެ. އެކުންފުނީގެ ވިޔަފާރި ދުވަހެއް ދުވަހަކަށް އަންނަނީ ކުރިއަރަމުންނެވެ.   

ޓެގް

ކުއްޅަވައް ލަންދޫ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.