އެމްޑީޕީ “ރޫޅާލާނެ” ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނިކޮށް، އެ ޕާޓީގެ ޗެއާޕާސަންގެ އިންތިހާބަށް ނުކުމެ ހުންނެވި މީކާއިލް ނަސީމް ރޭ ވިދާޅުވީ އޭނާ ހުރީ އެ ޕާޓީ އަލުން “ރާވާލަން” ތައްޔާރަށް ކަމަށެވެ. ޕާޓީގެ އެތެރޭގެ ވާދަވެރިކަން ބޮޑުވެފައިވާ މި ދަނޑިވަޅުގައި، މީކާއިލްގެ މި ވާހަކަފުޅާ އެކު އާންމު މެންބަރުންގެ މެދުގައި މިހާރު އުފެދިފައިވާ ސުވާލަކީ ޕާޓީގެ ކުރިމަގަށް ވާނީ ކިހިނެއްތޯ އެވެ.
ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުން މީކާއިލް ވަނީ ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ޗެއާޕާސަންގެ މަގާމަކީ 2028 ގެ ރިޔާސީ އިންތިހާބަށް ދިއުމަށް ބޭނުންކުރާ “ހަރުފަތެއް” ނޫން ކަމަށް ވިދާޅުވެފަ އެވެ. މީކާއިލް ވިދާޅުވި ގޮތުގައި އޭނާ ބޭނުންވަނީ ގައުމީ މަޖިލީހުން އައްޔަންކުރާ ވަގުތީ މަގާމެއްގެ ބަދަލުގައި، އާންމު މެންބަރުންގެ ސީދާ ވޯޓުން ހޮވޭ ޗެއާޕާސަނަކަށް ވެގެން ޕާޓީގެ އިދާރީ ހިންގުން ހަމައަކަށް އަޅުވާށެވެ.
މީކާއިލްގެ ކަންބޮޑުވުމަކީ ޕާޓީގެ އެތެރޭގެ މައުލޫމާތުތައް “ލީކުވަމުން” ދިއުމެވެ. އޭނާ ވިދާޅުވީ ޕާޓީ ރޫޅާލާނެ ކަމަށް ނަޝީދު ވިދާޅުވި ފަހުން ޕާޓީގެ ބައެއް ކަންކަން ބޭރުވަމުންދާ ކަމުގެ ޝަކުވާ އާންމުން ކުރަމުންދާ ކަމަށާއި، އޭނާ ނުކުމެ ހުރީ އެ ލީކުތައް ފޫބައްދައި ޕާޓީ ބޮޑުކޮށް އަލުން އަތުރާލަން ކަމަށެވެ.
މީގެ އިތުރުން، ސިޔާސީ މަސްލަހަތަށްޓަކައި މީހުން ދައްކާ ވާހަކަ ބަދަލުވާތީ ވެސް މީކާއިލް ފާޑުވިދާޅުވި އެވެ. އެގޮތުން ޕާޓީގެ 39,000 މެންބަރުން ކަނޑާލީ ފައްޔާޒު އިސްމާއިލް ކަމަށް ވިދާޅުވުމަށް ފަހު، އަނެއް ދުވަހު ފައްޔާޒު ވެރިކަމަށް ގެންނަން ނަޝީދު ވާހަކަދެއްކެވުމަކީ އާންމު މެންބަރުންގެ ޖަޒުބާތާ ކުޅުން ކަމަށް އޭނާ ސިފަކުރެއްވި އެވެ.
އެމްޑީޕީގެ ރައީސްކަމުގައި ހުންނަވައި ޕާޓީން ވަކިވެވަޑައިގެން ‘ދަ ޑިމޮކްރެޓްސް’ އުފެއްދެވި ނަޝީދު، އަލުން އެމްޑީޕީއާ ގުޅިވަޑައިގެން މިހާރު މަސައްކަތް ކުރައްވަނީ ފައްޔާޒާ އެކު އެއް ފެކްޝަނެއްގަ އެވެ. ނަމަވެސް މީކާއިލް ވިދާޅުވަނީ ޕާޓީގެ އެތެރޭގެ މައްސަލަތައް ހައްލުކުރަން ކޯޓަށް ދިއުމުގެ ބަދަލުގައި، ތެދުވެރިކަމާ އެކު ޕާޓީގެ ތެރެއިން ހައްލު ހޯދައިގެން މެންބަރުންގެ އިތުބާރު ހޯދާނެ ކަމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...