ބުކް ރިވިއުއެއް ނުވަތަ ވާހަކަ ރިވިއުއެއް ލިޔަން ފެށުމުގެ ކުރިން ފާހަގަކުރަން ޖެހޭނެ ކަންތައްތަކަކީ ކޮބާ؟
ފުރަތަމަ ބުކް ރިވިއު ނުވަތަ ވާހަކަ ރިވިއުއަކީ ކޮބައިތޯ ބަލާލަމާ ހިނގާށެވެ. ބުކް ރިވިއު އަކީ ފޮތެއްގެ މައްޗަށް، ވާހަކައެއް ނަމަ ވާހަކައެއްގެ މައްޗަށް ބަލައި ތައްޔާރުކޮށްފައިވާ ޚުލާސާއެކެވެ. އޭގައި ވާހަކައިގެ މައިގަނޑު ޕޮއިންޓްތައް ހިމެނިފައި ވާނެއެވެ. އެ ވާހަކައިގެ ހުރި މޮޅުކަމަކާއި ދެރަކަމެއް ވަޒަންކޮށް ރިވިއުގައި ލިޔެފައިވާނެއެވެ. އެކަންކަން ބަޔާންކުރުމަށް ވާހަކައިން މިސާލު ދައްކާފައި ވާނެއެވެ. ލިޔަން ފެށުމުގެ ކުރިން ތިރީގައިވާ ކަންކަން ސަމާލުކަން ދިނުން މުހިންމެވެ.
- ލިޔުންތެރިޔާ: ކާކުތޯ އެއީ؟ ފޮތްތައް ލިޔެ ޝާއިޢުކޮށްފައި ހުރިމީހެއްތޯ؟ އަދަބިއްޔާތަށް ކިހާ ޚިދުމަތެއް ކޮށްފައިވޭތޯ؟ މައިގަނޑުކޮށް ކޮންކަހަލަ ލިޔުމެއް ލިޔާ މީހެއްތޯ؟ ކިހާވަރަކަށް މުޖުތަމައުގައި ލިޔުންތެރިއެއްގެ ގޮތުގައި ފާހަގަކުރެވިފިފައިވާ މީހެއްތޯ؟
- ލިޔުމުގެ ވައްތަރު: ވާހަކައެއްތޯ؟ ދިގުވާހަކައެއްތޯ/ކުރު ވާހަކައެއްތޯ؟ ލޯބީގެ ވާހަކައެއްތޯ. އެޑްވެންޗަރ ވާހަކައެއްތޯ؟ މަޒުމޫނެއްތޯ؟ ނުވަތަ އެހެންވެސް އެފަދަ ކޮންކަހަލަ ލިޔުމެއްތޯ؟
- ތަޢާރަފުގެ ބައިގައި: ތަޢާރަފެއް ދީފައިވޭތޯ؟ އެ ތަޢާރަފުން ފާހަގަކުރެވުނު އެންމެ އަޅައި ގަންނަ ކަމަކީ ކޮބައިތޯ؟ ފިހުރިސްތު ދީފައިވޭތޯ؟ ޗެޕްޓަރުތައް އަތުރާފައި ވަނީ ކިހިނެތްތޯ.
- ފޮތާމެދުގައި: ފޮތާ މެދުގައި އެހެން މީހުން ބުނެފައިވާ އެއްވެސް ވާހަކައެއް ބާރުގަނޑުގައި ނުވަތަ އެހެން ހިސާބެއްގައި ވެސް ވޭތޯ؟ އެއީ ކޮން ވާހަކައެއްތޯ؟ ފޮތުގައި ތަސްވީރު ޑައިގްރަމް ފަދަ އެއްޗެތި ބޭނުންކޮށްފައި ހުރިތޯ ޝައުގު އުފެދޭގޮތަށްތޯ ހުރީ/
މަތީގައިވާ މަޢުލޫމާތުގެ މައްޗަށް ބުކްރިވިއުގައި ކޮންމެވެސް މިންވަރަކަށް އެއްޗެއް އޮތުން ރަނގަޅެވެ.
ބުކް ރިވިއުގައި އިތުރަށް ފާހަގަކުރަންވީ ކަންތައްތަކީ ކޮބާ؟
ކަރެކްޓަރސް: ކޮބާ މައިގަނޑު ކަރެކްޓަރތަކަކީ؟ އެ ކަރަކްޓަރުންގެ ރޯލަކީ ކޮބާ؟ އެއްވެސް ކަރެކްޓަރަކާމެދު ހަމްދަރުދީ ވީތަ؟ ކީއްވެގެން؟ ރުޅިއައިތަ؟ ކީއްވެގެން؟
މޯޓިފް/ތީމް/ސްޓައިލް: ކޮން މޯޓިފް ތަކެއް ވާހަކާއިން ފާހަގަކުރެވެނީ. އެ މޯޓިފްތައް ތީމް އަންގައިދޭތަ؟ މޯޓިފާއި ތީމު ވާހަކައަށް ލިބިދެނީ ކޮން ފުރިހަމަ ކަމެއް؟ ލިޔުންތެރިޔާ ބެނުންކޮށްފައި ހުރީ ކޮންކަހަލަ ސްޓައިލެއް. މިސާލަކަށް ރިވާޔަތު މޫސާ ވަޒުލައިޚާގެ ސްޓައިލާ ގެއްލުނު ފުރާވަރުގެ ސްޓައިލް ތަފާތު އަދި ޒަޚަމުގެ ސްޓައިލްވެސް ތަފާތު. އިބްރާހީމް ހުސައިންމަނިކުގެ ލިޔުއްވުމުގެ ސްޓައިލާ ވަޙީދުގެ ސްޓައިލާވެސް ތަފާތު. ކޮބާ ސްޓައިލަކީ؟
ކޮން އެއްޗެއް: ވާހަކައިން ލިޔުންތެރިޔާ ކިޔައިދޭން ވެގެން އުޅެނީ ކޮން އެއްޗެއް؟ ރަނގަޅަށް ކިޔައިދެވޭތަ؟ އަޑު އަހާ މިހާގެ ޝައުޤު ހިފެހެއްޓޭތަ؟ ކީއްވެގެން؟
މައިގަނޑު ފާޑުކިޔުންތައް: މުޅި ވާހަކައިން ފާހަގަވާ މައިގަނޑު ދެތިން ކަމަކީ ކޮބާ؟ އެ ދެތިން ކަންތައް ވާހަކާގައި ގެނެސްދެވިފާވާ ގޮތުގެ ފުރިހަމަކަން އުނިކަން. ކޯޓޭޝަން ވާހަކައިން. ލިޔުމުގެ ސްޓައިލާމެދު/ފެންވަރާމެދު. ކަމުދާ މިންވަރު، ކަމު ނުދާ މިންވަރު. ކީއްވެގެންކަން. މި ވާހަކައާއި މި ފަދަ އެހެންވާހަކަތަކާއި ގުޅުވައި ވާހަކަ ދެއްކުން، މި ލިޔުމާއި މި ފަދަ އެހެން ލިޔުމައި ގުޅުވައިގެން ވާހަކަ ދެއްކުން. މި ވާހަކައިގައި ވާ މައްސަލައާ މިހާރާ ހުރި ގުޅުން/ގުޅުންނެތްކަމާމެދު ވާހަކަ ދެއްކުން މިފަދަ ކަންކަން ބުކް ރިވިއުގައި ފުރިހަމައަށް ހިމެނުމުން އެއީ މޮޅު ބުކް ރިވިއުއެއްގެ ގޮތުގައި ބެލެވޭނެއެވެ.
މުޢުލޫމާތު mahinooru.wordpress.com އިން
ނަމޫނާ ބުކްރިވިއުއެއް ބަލާލުމަށް ތިރީގައިވާ ލިންކު ބޭނުންކުރައްވާ!
ކޮމެންޓް (0)
ލޯޑް ކުރަމުން...